04 މެއި 2020 - 13:08

ރާއްޖޭގައި ތިބި އިންޑިއާ މީހުން ކަނޑުމަގުން ގައުމަށް ގެންދަން، އެ ގައުމުން ބޯޓެއް ފޮނުވަން އުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު، މިހާތަނަށް އިންޑިއާގެ 52 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނާ ހަވާލާދީ، އިންޑިއާގެ ނޫހެއް ކަމަށްވާ ޑެކަން ހެރަލްޑްއިން ބުނީ ކޮރޯނާވައިރަހާހެދި މާލެ މިހާރު ލޮކްޑައުންކޮށްފައިވުމުން، އިންޑިއާ މީހުންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.، އެ މީހުން އަނބުުރާ ގައުމަށް ގެންދަން ފޮނުވާ ބޯޓުން ގާތްގަނޑަކަށް 200 މީހުންނަށް ޖާގަ ލިބޭނެ ކަމަށް ބުނެފައި ވެ އެވެ.
އެ ނޫހުން ބުނިގޮތުގައި، އެ މީހުން އެންމެ ފުރަތަމަ ގެންދާނީ އިންޑިއާގެ ކޮޗިންއަށެވެ. އަދި އެތަނުގައި 14 ދުވަހު ކަރަންޓީނުގައި ތިބުމަށް ފަހު، އެ މީހުން ބޭނުންވާ ތަނަކަށް ދާން ފުރުސަތު ލިބޭނެ ކަމަށް، ހައިކޮމިޝަނާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ.
އެ ނޫހުން ބުނި ގޮތުގައި ގައުމަށް ގެންދިއުމުގައި އިސްކަން ދޭނީ މިހާރު ހައިކޮމިޝަނަށް ހުށަހަޅާފައިވާ މީހުންނަށެވެ. އޭގެ ތެރެއިން ވެސް، ބަލިމީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އާއިލާގެ މީހަކު މަރުވެގެން ނުވަތަ ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް އިސްކަންދޭނެ ކަމަށް ބުނެފައި ވެ އެވެ.
މީހުން ބަލާ އަންނަ ފުރަތަމަ ބޯޓަށް ފަހު، އިތުރު ބޯޓެއް ފޮނުވުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ޑެކަންހެރަލްޑް ނޫހުން ބުނެފައި ވެ އެވެ.
ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 30،000 މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަނަލް މަސައްކަތު މީހުންގެ އިތުރުން ލޭބަރުން ހިމެނެ އެވެ.
އިންޑިއާ އިން މީގެ ކުރިން ވަނީ ޗައިނާ އާއި އިޓަލީ އާއި އިރާނާއި ޖަޕާނުގެ އިތުރުން އަފްގާނިސްތާނުގައި ތިބި އެ ގައުމުގެ މީހުން އިވެކުއޭޓްކޮށްފަ އެވެ. އެކަމަކު އިންޑިއާގައި ވެސް ކޮވިޑް-19ގެ ބަލިމަޑުކަން އަދިވެސް ހަމަޔަކަށް ނޭޅެ އެވެ. ބިލިއަން މީހުން އުޅޭ އިންޑިއާ އިން މިހާތަނަށް 42،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މުޅި ގައުމު ވަނީ ލޮކްޑައުންކޮށްފަ އެވެ.