15 އޮކްޓޯބަރ 2016 - 23:41

ޕީޕީއެމް ޒުވާނުންގެ ގޮފި (ޕީވައިއެމް)ގެ ރައީސް އިބްރާހިމް ޔޫސުފް ވަކިކުރަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމެވީ ޣައިރު ގާނޫނީ ނިންމެވުމެއް ކަމަށާއި އެ ނިންމެވުން ގަބޫލު ނުކުރާނެ ކަމަށް އެ ގޮފިން މިރޭ ބުނެފި އެވެ.
ޒުވާނުންގެ ގޮފިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހިމް ޔޫސުފް ވިދާޅުވީ އުމުރު ހަމަވެފައިވާ ކަމަށް ވިދާޅުވެ ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމުން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ އެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އެ ގޮފިން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން 2013 ގައި ބޭއްވި ގައުމީ ޖަލްސާގައި ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް އިބްރާހިމް ޔޫސުފް ހޮވުނުއިރު އޭނާގެ އުމުރަކީ 29 އަހަރެވެ. ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސްކަމުން އިބްރާހިމް ޔޫސުފް ވަކިކުރި ސަބަބުތަކުގެ ތެރޭގައި، ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ އުމުރަށް ވުރެ އޭނާގެ އުމުރު މަތިވުން ހިމެނެ އެވެ. ގަވާއިދުގައިވާ ގޮތުން ނަމަ، ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެމްބަރުންގެ ގޮތުގައި ތިބޭނީ އުމުރުން 31 އަހަރު ނުފުރޭ މީހުންނެވެ. އެކަމަކު އިބްރާހިމް ޔޫސުފަށް މިހާރު ވަނީ 31 އަހަރު ފުރިފައި ކަމަށް ޕީޕީއެމުން ބުނެ އެވެ.
މައުމޫންގެ ނިންމެވުމަކީ ބާތިލް ނިންމެވުމެއް ކަމުގެ ހެކި ދައްކަވަމުން އެ ގޮފީގެ މެމްބަރު އަދި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން 2015 ގައި ކޮންގްރެސްއެއް ބާއްވައި ދައުރު ހަމަވާ މަގާމްތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭ ކަމަށެވެ. އެކަމަކު ބައެއް މަގާމްތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރައްވަނީ ކޮންގްރެސް ނުބާއްވައި ޕާޓީގެ ވަކި ބޭފުޅަކު ބޭނުންފުޅުވާ ގޮތަށް ކަމަށާއި އެގޮތަށް އެކަން ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ ވަކި ބޭފުޅަކު ބޭނުންފުޅުވީމަ އެ ގޮތަކަށް ވަތްކެއް ނުކުރެއްވޭނެ. ޕާޓީގެ ކަންކަން ނިންމަން ޖެހޭނީ އަސާސީ ގަވާއިދާ އެއްގޮތަށް،" މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި އިބްރާހިމް ޔޫސުފްގެ އިތުރުން، ކައުންސިލުން މިއަދު ވަކިކުރި ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމާއި ޒާހިދު ރަމީޒް ވަކިކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށެވެ. އެހެންވެ އެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ޕާޓީގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކައުންސިލް ބާއްވައި، ގޮތްތަކެއް ނިންމައި ޕާޓީގެ ކޮންގްރެސް ބާއްވަން ވެސް މިރޭ ވަނީ ގޮވާލައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕީޕީއެމް ދެ ފަޅިވެ، ރައީސް ކަމުގެ މަގާމުން މައުމޫން ދުރުކުރަން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.