07 މެއި 2020 - 17:20

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްދޭން ސަރުކާރުން ނިންމައިފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު މިއަދު ބޭއްވި ޕްރެސް ބްރީފިންއެެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ނުރައްކާ އޮތް މިންވަރުގެ މައްޗަށް ބަަލައި ކެޓަގަރައިޒްކޮށްގެން އެލަވަންސެއް ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ ފްރޮންޓްލައިންސް މުވައްޒަފުން ތިން ކެޓަގަރީއަކަށް ބަހާލާފައިވާ އިރު ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭނީ އޭނާ ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ޖެހޭ ފަރާތްތައް ކަަމަށެވެ. އެއީ ޑޮކްޓަރުން، ނަރުހުން، ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ފަރާތްތައް، ލެބޯޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި ބަލިމީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ ފަރާތްތަކެވެ. ބަލިމީހުން އެޑްމިޓްކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
އެފަރާތްތަކަށް އެލަވަންސެެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންނެ ދުވަަހަކަށް 500ރ. އެވެ.
ދެވަނަ ކެޓަގަރީ އަކީ މީޑިއަމް ރިސްކް އޮންނަ ފަރާތްތަކެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ ފަރާތްތަކާ އެކުގައި މަސަައްކަތް ކުރަން ޖެހޭ ފަރާތްތަކެވެ.
މީޑިއަމް ރިސްކް އޮންނަ ފަރާތްތަކަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250ރ. އެވެ.
ތިން ވަނަ ކެޓަގަރީގެ މީހުންނަކީ ކުރީގެ ދެ ކެޓަގަރީއަށް ނުފެތޭ މީހުންގެ ތެރެއިން ނެޝަނަލްް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސަައްކަތް ކުރާ މީހުންނެވެ. އެ ފަރާތްކަށް ދޭނީ މަަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.
އަމީރު ވިދާޅުވީ އެއިން ކެޓަގަރީއަކަަށް ފެތުނަސް އެލަވަންސް ދިނުމުގައި އިސްތިސްނާ ވާ ފަރާތްތަކެއް ތިބޭނެ ކަަމަށެވެ.
"މި ޕްރޮސެެސްގައި ހިމެނުމަސް، މަސައްކަތް ކުރިރަސް، އެ އެލަވަންސް ނުލިބޭނެ، އިސްތިސްނާވާ ފަރާތްތައް ވެސް އެބަ ހިމެނޭ. އެއީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ ސިޔާސީ މަސައްކަތްކުރާ ފަރާތްކާ އަދި ހައިރިސްކް ކެޓަގަރީގައި ހިމެނޭ ފަރާތައްތަައް ފިޔަވައި ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަށް ވުރެ މަތިން މުސާރައާ އެލަވަންސްތައް ލިބޭ ފަރާތްތަކާ އަދި އެފަރާތެއް ވަޒީފާ އަދާކުރާ ތަނަކުން، ކޮވިޑް 19 އާ ގުޅިގެން އިތުރު އެލަވަންސެއް ދޭ ފަރާތްތައް،" އަމީރު ވިދާޅުވި އެވެ.
ދައުލަތުން މުސާރަ ލިބޭ ފަރާތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 20،000ރ. އަށް ވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން ކަނޑަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އެކަމަކު ކޮވިޑް-19 ގެ ފްރޮންޓްލައިިންގައި މަސައްކަތްކުރާ ފަރާތްތައް އެކަމުން ވެސް އިސްތިސްނާ ވާނެ އެވެ.