ބޭނުންވާ ހުރިހާ ކަމެއް ފަރިތަކުރަން ވަގުތެއް ނުލިބޭ: ގާޑިއޯލާ
ބޭނުންވާ ހުރިހާ ކަމެއް ފަރިތަކުރަން ވަގުތެއް ނުލިބޭ: ގާޑިއޯލާ

މެންޗެސްޓާ (އޮކްޓޯބަރު 16) - ބޭނުންވާ ހުރިހާ ކަމެއް ފަރިތަކުރަން އަދި ވަގުތު ނުލިބޭ ކަމަށާއި މެންޗެސްޓާ ސިޓީގެ ކަންތައްތައް ރަނގަޅުކުރަން ވަގުތު ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރޭ އަމިއްލަ ދަނޑުގައި 1-1 އިން އެވަޓަންއާ އެއްވަރުވިއިރު، އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ސިޓީ އަށް މޮޅެއް ނުހޯދެ އެވެ. ރޭގެ މެޗުގައި ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި ކެވިން ޑިބްރޭނާ އަތުން ވަނީ ޕެނަލްޓީ ބޭކާރުވެފަ އެވެ. މެޗަށް ފަހު ނޫސްވެރިއަކު ސިޓީގެ ކޯޗު ގާޑިއޯލާ ކައިިރިން އެޓީމު ޕެނަލްޓީ ޖަހަން ފަރިތަނުކުރޭތޯ ސުވާލުކުރުމުން ގާޑިއޯލާ ބުނީ ހުރިހާ ކަމެއް ފަރިތަކުރަން ވަގުތު ބޭނުންވާ ކަމަށެވެ.

"ސިޓީ ކުޅުންތެރިން އަހަރެން ބޭނުންވާ ސިސްޓަމަށް ހޭނެން ފަރިތަކުރަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި. އެކަމަކު އަދި އެ ހުރިހާ ކަމަކަށް ވަގުތެއް ނުލިބޭ. ޕެނަލްޓީ ޖަހަން ފަރިތަކުރިޔަސް ޓްރެއިނިން ކުރިއަށްދާއިރު ސަޕޯޓަރުންނެއް ނުތިބޭ. މެޗުގައި އެ ޕްރެޝަރު ވެސް އޮވޭ،" ގާޑިއޯލާ ބުންޏެވެ.

އެވަޓަން އަތުން ސިޓީ އަށް މޮޅުނުވެވުނު ނަމަވެސް މެޗުގެ 72 ޕަސެންޓް ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ފުރުސަތު ތަނަވަސްކުރީ އެ ޓީމުންނެވެ. ގާޑިއޯލާ ބުނީ މުޅި މެޗުގައި ވެސް ސިޓީ ކުޅުންތެރިން މޮޅުވާން ކުރި މަސައްކަތުގެ އަގުވަޒަންކުރާ ކަމަށާއި ބަދަލުތައް ގެނައީ ވެސް ތިން ޕޮއިންޓް ކޮންމެހެއް މުހިއްމުވެފައިވާތީ އެވެ.

އެވަޓަންގެ ކޯޗު އަދި ކުރިން ގާޑިއޯލާއާ އެކު ބާސެލޯނާ އަށް ކުޅުނު ރޮނާލްޑް ކޫމަން ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ކުރިމަތިލި އެންމެ އުނދަގޫ މެޗު ކަމަށެވެ.

"މިއީ އަހަރެންގެ 15 އަހަރުވީ ކޯޗިން ކެރިއަރުގައި ކުރިމަތިލި އެންމެ އުނދަގޫ މެޗު. ސިޓީން އަހަރެމެން އެންމެ ވަގުތުކޮޅެއްގައި ހަމަނޭވައެއް ލިޔަ ނުދިން. މިހާ އުނދަގޫ މެޗެއްގައި ޕޮއިންޓެއް ވެސް އެއީ ބޮޑު އެއްޗެއް،" ކޫމަން ބުންޏެވެ.

ސިޓީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އާސެނަލާ އެއްވަރަށް އަށް މެޗުން 19 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.