08 މެއި 2020 - 00:10

ކޮވިޑް-19 ބަލީގައި ރާއްޖޭގައި ތިންވަނަ މީހަކު މިރޭ މަރުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ (ޑީއެޗް 11) ގައި ފަރުވާދެމުން އައި އުމުރުން 80 އަހަރުގެ ފިރިހެން މީހާ މަރުވެއްޖެ ކަމަށް އެ ހޮސްޕިޓަލުން އާއިލާ އަށް އަންގާފައިވާ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ މަރުވީ މިރޭ 11:30 ހާއިރު އެވެ.
އެޗްޕީއޭ އިން ފަހުން ކުރި ޓުވީޓެއްގައި ބުނީ އެ މީހާ މަރުވީ މިރޭގެ 11:20 ގައި ކަމަށެވެ.
މިދިޔަ އޭޕްރީލް 21 ގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އެ މީހާއާ ގުޅޭ ގޮތުން، އައިޖީއެމްއެޗްގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސާ ހުސައިން އެ ދުވަހު ވިދާޅުވެފައި ވަނީ އެއީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތި ކޮށްގެން ފަރުވާދީފައިވާ މީހެއް ކަމަށެވެ. އަދި އެ މީހާގެ އެ ނޫން ވެސް ވަރަށް ގިނަ ބަލިތައް ހުންނަ ކަމަށް ވިދާޅުވި އެވެ.
ޑރ. މޫސަ ވިދާޅުވި ގޮތުގައި، ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް އެ މީހާ ދިޔައީ ތަހައްމަލް ކުރަމުންނެވެ. މި ބަލިތަކުގެ އިތުރުން ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހުމުގެ ސަބަބުން ވެސް އެތަކެއް ފަހަރަކު އެ މީހާ އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މީހާ އޮބްޒަވޭޝަނަށް ގެންދިޔައިރު އޮކްސިޖަން ލެވެލް ވެސް ހުރީ އާންމުކޮށް ހުންނަންޖެހޭ މިންވަރަށް ވުރެ ދަށުގައި ކަމަށެވެ. އާންމުކޮށް އޮކްސިޖަން ލެވެލް ހުންނަން ޖެހެނީ 98 ގައި ކަމަށް ވިޔަސް އެ މީހާގެ ހުރީ 94 ގަ އެވެ. އެހެންވީމާ މިއީ އެ މީހާގެ ހާލަތު ބޮޑަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރެއް ކަމަށް ޑރ. މޫސަ އޭރު ވެސް ވިދާޅުވެފައި ވެ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް 600 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން މަރުވީ ތިން މީހުންނެވެ. އެއީ މިރޭ މަރުވި 80 އަހަރުގެ މީހާގެ އިތުރުން 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ. މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 20 މީހުންނެވެ.