17 އޮކްޓޯބަރ 2016 - 06:21

ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ދިމާވި ހާދިސާއިން ބަޔަކު ފައިދާ ނެގި އެވެ. ގެއްލުންވި މީހުން ވެސް މަދެއް ނޫނެވެ. ނަސީބު ރަނގަޅު މީހުންގެ ތެރެއިން ވެސް އެންމެ ރަނގަޅު ގޮތް މެދުވެރިވީ އިންޑިއާ މީހުންނަށެވެ. އިންޑިއާގައި ގެލަކްސީ ނޯޓް 7 އަށް ޕްރީއޯޑަރު ދިން މީހުންނަށެވެ.
އިންޑިއާގައި ޕްރީއޯޑަރު ދިން މީހުންނަށް ފޯނު ލިބޭނެ ކަމަށް ބުނި ތާރީޚް ފަހަނައަޅައި ދިޔައިރު ވެސް ފޯނެއް ނުލިބެ އެވެ. ފުރަތަމަ ސަބަބަކަށް ވީ ސްޓޮކް ހުސްވުމެވެ. ދެން އިވުނީ ނޯޓް 7 ގައި މައްސަލަ އުޅޭ ވާހަކަ އެވެ. އެ ކަމަކާ ހެދި، ޕްރީއޯޑަރު ދިން މީހުންނަށް ނޯޓް 7 ނުލިބިދާނެ ވާހަކަ އެވެ.
ސެމްސަންގުން ނޯޓް 7 އުފެއްދުން ވެސް ވަނީ މިހާރު ހުއްޓާލާފަ އެވެ. ނޯޓް 7 އަށް އިންޑިއާގައި އޯޑަރު ދިން އެކަކަށް ވެސް ފޯނެއް ނުލިބެ އެވެ. އެކަމާ އަރައިގަތް ރުޅީގައި ކަސްޓަމަރުން ތިއްބައި ސެމްސަންގުން ވަނީ އެ އެންމެން ހެއްވާލާފަ އެވެ. ކޮންމެ މީހަކަށް ވެސް ހަދިޔާއެއް ލިބޭނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި ނޯޓް 7 ގަންނަން އޯޑަރު ދިން މީހަކު، ގެލަކްސީ އެސް7 ނުވަތަ އެސް7 އެޖް ފޯނެއް ގަނެފި ނަމަ ލިބެން ހުރި ހަދިޔާތަކުގެ ލިސްޓެއް، ސެމްސަންގް-އިންޑިއާއިން ވަނީ ހާމަކޮށްފަ އެވެ. މައިގަނޑު ގޮތެއްގައި ހަދިޔާގެ ނިސްބަތަކީ 50 ޑޮލަރެވެ. ކުރެވެން ހުރި އިޚްތިޔާރުތަކުގެ ތެރޭގައި އެވްރެޖް މީހުންނަށް އެންމެ ކަމުދާނީ ފޯނުގެ ސްކްރީން ހިލޭ ބަދަލުކުރަން ދޭ ފުރުސަތެވެ. އެކަމަކު އެއީ ފޯނަށް އަހަރެއް ވުމުގެ ކުރިން ތަޅައިގެން ހިނގައްޖެ ނަމަ އެވެ.