08 މެއި 2020 - 21:02

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ދުވަސްވަރު ވިޔަފާރި ކުރުމަށް ފުލުހުން ޚާއްސަ ހުއްދަ ދޫކޮށްފައިވާ ތަންތަން ބަންދު ކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި އެ ތަންތަން ނުހުޅުވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުންކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުންގެ މުއްދަތުގައި ހުޅުވޭނީ ފުލުހުން ޚާއްސަ ހުއްދައެއް ދޫކޮށްފައިވާ ފިހާރަތަކެވެ. އަދި ވިޔަފާރި ކުރަން ދެވޭނީ ވެސް ފުލުހުން ޚާއްސަ ދޫކޮށްފައިވާ މީހުންނަށް ވަކި ވަގުތެއްގަ އެވެ.
ނަމަވެސް ފުލުހުން މިރޭ ބުނީ، ހުޅުވަން ހުއްދަ ދޫކޮށްފައިވާ ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެ އިތުރުން، ފިހާރަތަކުގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ އަދަދަށް ވުރެ އިތުރަށް އެ ތަންތަނުގައި މުވައްޒަފުން ތިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ކުރިއަށް އޮތް ތަނުގައި މި ގޮތަށް އަމަލުކުރާ ނަމަ ފުލުހުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ލޮކްޑައުން މުއްދަތުގައި ފުލުހުން އަންނަނީ ތިން ބާވަތެއްގެ ހުއްދަ ވިޔަފާރިވެރިންނަށް ދޫކުރަމުންނެވެ. އެއީ ވެހިކަލް ޕާމިޓް އާއި ސަޕޯޓް ސްޓާފް ޕާމިޓް އަދި ޑެލިވަރީ ސްޓާފް ޕާމިޓް އެވެ. އެ ޕާމިޓްތައް ހޯދަން ހުށަހަޅަން ޖެހެނީ އޮންލައިންކޮނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއަދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެ އެވެ. އެކަމަކު، އެ ބަލި ކުރިއަށް އޮތް ދެ ހަފުތާގައި ފެތުރޭލެއް ގިނަވާނެ ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވާތީ، ލޮކްޑައުންގެ މުއްދަތު އަދި އުވައިލާނެ ކަމަކަށް ނުބެލެވެ އެވެ.
ލޮކްޑައުންއާ ހިލާފުވި 170 މީހަކު އިއްޔެ ޖޫރިމަނާކޮށްފައިވާ އިރު ނުވަ މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. ލޮކްޑައުންއާ ހިލާފުވި ޖުމްލަ 162 މީހަކު މިހާތަނަށް ހައްޔަރުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.