އިތުރު 25 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 790 އަށް
އިތުރު 25 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 790 އަށް

އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެއީ ބަންގްލަދޭޝްގެ 20 މީހަކާއި ފަސް ދިވެއްސެއް. މިހާރު ރާއްޖެ އިން އެ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 790.

މަބްރޫކް: އައްޑޫ ހޮސްޕިޓަލްގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ވެސް އެތަނުގެ ސްޓޮކް އެބަހުރި. އައްޑޫން ޕޮޒިޓިވް ވި މީހާގެ ދެވަނަ ޓެސްޓެއް ހެދުމުގެ މަސައްކަތް އެބަ ކުރެވޭ.

މަބްރޫކް: ރާއްޖޭގެ ސަރަހައްދުގައި ހަދާ މެޑިކަލް ފެސިލިޓީތައް އެބަ ލަސްވޭ. ހިތަދޫގައި ހަދާ ފެސިލިޓީގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފައި. އަދި އެހެން އަތޮޅުތަކުގައި ހަދާ ފެސިލިޓީތަކުގެ މަސައްކަތް ވެސް އެބަ ކުރިއަށް ދޭ. ގިނަ ތަންތަން ހުރީ ނިމުމާ ގާތުގައި.

މަބްރޫކް: އިތުރު 19 މީހަކު ޕޮޒިޓިވްވެ، މިހާރުގެ ޖުމްލަ އަދަދަކީ 785. މިއަދުގެ ޖުމްލަ އަދަދަކީ 41.

ޑރ. އަފްޒަލް: ގޭގައި އައިސޮލޭޓް ވާން ބުނަނީ، މިސާލަކަށް ކޮންޓެކްޓްވާ މީހާ އަޅުގަނޑުމެންނަށް ދިމާވާ އިރު އޭނާ ބާކީ އޮވެދާނެ ތިން ހަތަރު ދުވަސް. މީހެއްގެ ކިބައިން އަލާމާތްތައް ފެންނަން އާންމުކޮށް މި ނަގަނީ ކޮންޓެކްޓް ވާތާ ފުރަތަމަ ހަތް ދުވަސް. އެހެންވެ، އެ މީހާ ކަރަންޓީނު ފެސިލިޓީ އަކަށް ނުފޮނުވިޔަސް އޭނާ ހުންނަން ޖެހޭނީ އައިސޮލޭޓް ވެގެން ވަރަށް ބޮޑަށް.

މަބްރޫކް: ކޮންސްޓްރަކްޝަން މަސައްކަތް އާންމުކޮށް ކުރަން ދޫކޮށްލަނީއެއް ނޫން. އަޅުގަނޑުމެން ހުއްދަ ދެނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުން އެހެން ތަންތަނަށް ގެއްލުމެއް ލިބިދާނެ ތަންތަނަށް. މިސާލަކަށް ފައުންޑޭޝަން އަޅަން ކޮނެފައި ހުރުމުން ކައިރީގައި ހުންނަ އިމާރާތަކަށް ގެއްލުން ލިބިދާނެ ކަހަލަ ތަންތަން. އޭގެ މައުލޫމާތުތައް ފަހުން ސިޓީ ކައުންސިލުން ދޭނެ.

ޑރ. އަފްޒަލް: މިހާތަނަށް 29 މީހަކު ވަނީ ބަލިން ރަނގަޅުވެފައި. އެއީ ދިވެހިންގެ 16 މީހަކާއި 13 ބިދޭސީއެއް.

ޑރ. އަފްޒަލް: ޑީއެޗް 11 ގައި މި ވަގުތު ތިބީ 4 މީހުން. އެއީ 44 އަހަރުގެ ބިދޭސީއަކާއި 70 އަހަރާއި، 88 އަހަރާއި 41 އަހަރުގެ ދިވެހި ފިރިހެނުން.

ޑރ. އަފްޒަލް: އުމުރުން 65 އަހަރުން މަތީގެ މީހުންގެ އަދަދަކީ 13. އެއީ ހަގީގަތުގައި ވަރަށް ދަށް އަދަދެއް. އަދި އެއީ ވަރަށް ރަނގަޅަށް ވެފައި އޮތް ކަމެއް. ސަބަބަކީ، މި ބަލީގައި އެންމެ ރިސްކް ބޮޑު މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށް ވާތީ.

ޑރ. އަފްޒަލް: އަދިވެސް އެންމެ މަތީގައި އުޅޭ ކްލަސްޓާތަކަކީ ބާޒާރުމަތީގެ ކްލަސްޓާ އާއި އެމްއެޗްއޭ ކްލަސްޓާ. މީގެ އިތުރުން އިންޑިޕެންޑެންޓް ކްލަސްޓާ ވެސް ހިމެނޭ.

މަބްރޫކް: ވައިބާގައި ދައުރުވާ މެސެޖެއް އެއީ މާލޭގެ އެއްވެސް މީހަކަށް ނުނުކުމެވޭ ގޮތަށް އަދި އެއްވެސް ޑެލިވަރީއެއް ނުކުރެވޭ ގޮތަށް ލޮކްޑައުން ހަމަޖައްސާ ވާހަކަ. އެކަމަކު އެކަހަލަ އެއްވެސް ކަމެއްގެ މަޝްވަރާއެއް ނުކުރެވޭ.

މިރޭގެ ނޫސްވެރިިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ވެސް މައުލޫމާތު ދެއްވަނީ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.

ކޮވިޑް-19 އަށް މިއަދު އިތުރު 22 މީހަކު ރާއްޖޭން ޕޮޒިޓިވްވެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 766 އަށް އަރައިފި އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލާދޭޝް ހަތަރު މީހަކާއި ނޭޕާލް މީހަކާއި އިންޑިއާ މީހެކެވެ. މާޗް 15 ވަނަ ދުވަހު މާލޭން ބަލި ފެނުނު ފަހުން ކޮންމެ ދުވަހަކު ވެސް އަންނަނީ އެތައް ބަޔަކަށް ބަލި ޖެހެމުންނެވެ.

މިއަދު ހާމަކުރި އަދަދުތަކާ އެކު މިހާރު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 254 އަށް އަރައިފަ އެވެ. ބަންގްލާދޭޝްގެ 420 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައި ވާއިރު އިންޑިއާގެ 61 މީހަކާއި ސްރީ ލަންކާގެ ފަސް މީހަކު ވެސް ޕޮޒިޓިވް ވެފައިވެ އެވެ. އަދި އެހެން ގައުމުތަކުގެ 26 މީހަކު ޕޮޒިޓިވްވި އެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ މުވައްޒަފުންނެވެ.

އަލަށް ހާމަކުރި ކޭސްތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. ކުރިން ބުނެފައިވާ ގޮތުގައި ބިދޭސީންގެ ތެރެއިން މިހާރު ޕޮޒިޓިވްވާ ގިނަ މީހުންނަކީ ތޮއްޖެހިގެން އެއް ތަނެއްގައި އުޅޭ މީހުންނެވެ.

އިއްޔެ ވެސް ރާއްޖޭން ވަނީ ކޮވިޑް-19 އަށް 44 މީހަކު ޕޮޒިޓިވް ވެފަ އެވެ. އަދި އޭގެ ކުރީ ދުވަހު 69 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި މިހާރު އަންދާޒާކޮށްފައި ވަނީ މި މަސް ނިމޭއިރު ޕީކަށް އަރާނެ ކަމަށެވެ. އެހެންވެ މި ދެ ހަފުތާ އަކީ ވަރަށް ފަރުވާތެރިވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭ ދެ ހަފުތާ ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އިންޒާރު ދެއްވަމުންނެވެ.