09 މެއި 2020 - 20:14

ޕެރިސް (މެއި 9) - އެންޓިވައިރަލް ތިން ބޭހެއް އެއްކޮށްގެން، ކޮވިޑް-19 ގެ ބަލި މީހުންނަށް ދިން ކޮކްޓެއިލް ފަރުވާގެ ނަތީޖާ ރަނގަޅު ކަމަށް ހޮން ކޮންގެ ރިސާޗަރުން ބުނެފި އެވެ.
މެޑިކަލް ޖާނަލްގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ އާދައިގެ އަލާމަތްތައް ހުރި މީހުންނަށް ތިން ބޭސް އެއްކޮށްގެން ދިން ފަރުވާގެ ސަބަބުން އެ މީހުން ވަރަށް އަވަހަށް ރަނގަޅުވެފައިވާ ކަމަށެވެ. ދިރާސާގައި ވަނީ ބޮޑެތި 127 މީހުން ބޭނުންކޮށްފަ އެވެ. އޭގެ ތެރޭން 86 މީހަކަށް ވަނީ ސްކްލެރޯސިސް އަށް ދޭ ފަރުވާއެއް ކަމަށްވާ އިންފާފެރޮން ބީޓާ-1ބީ، އެޗްއައިވީ އަށް ދޭ ފަރުވާއެއް ކަމަށްވާ ލިބިނަވާ/ރިޓޮނަވާ އަދި ހެޕަޓައިޓިސް ސީ އަށް ފަރުވާ ދިނުމުގައި ބޭނުންކުރާ އެންޓިވައިރަލް ބޭހެއް ކަމަށްވާ ރިބަވިރިން އެއްކޮށްގެން ދީފަ އެވެ. މި ބޭސްތައް ދިނުމުން ނަތީޖާ ރަނގަޅު ކަމަށާއި އެކަމަކު ބަލި ބޮޑު މީހުންނަށް މި ފަރުވާ ދީގެން އިތުރު ރިސާޗް ހަދަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.
"ކޮވިޑް-19 ގެ އާދައިގެ ބަލި މީހުންނަށް، ތިން ބޭސް އެއްކޮށްގެން ދިނުމުން ބަލި މީހުންގެ ހަށިގަނޑުން ވައިރަސް ކޮންޓްރޯލް ކުރެވޭ،" ރިސާޗުގައި އިސްކޮށް އުޅުއްވި ވޮކް ޔުންގް ޔުއެން ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުގައި މިހާރު އަންނަނީ އެބޯލާ ބަލި މީހުންނަށް ދޭ ބޭހެއް ކަމަށްވާ ރެމްޑެސެވިއާ ބޭނުން ކުރަމުންނެވެ.