ބިލް ދެއްކުމުގައި އުރީދޫން ބޮޑު އެހީއެއް
ބިލް ދެއްކުމުގައި އުރީދޫން ބޮޑު އެހީއެއް

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި އެހީތެރިވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް ބިލް ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދީފި އެވެ.

އުރީދޫން ބުނީ ބިލަށް ފައިސާ ދެއްކުމުގައި ދަތިތައް ކުރިމަތިވެފައިވާ ނަމަ، ފައިސާ ދެއްކުމުގެ މުއްދަތު ބިލް ތައްޔާރު ކުރާ ދުވަހުން ފެށިގެން ދެ މަސް ދުވަހަށް އިތުރުކުމަށް އެދުމުން އުރީދޫގެ ކޮންމެ ކަސްޓަމަރަކަށް ވެސް މި އެހީތެރިކަން ލިބޭނެ ކަމަށެވެ. މި ދަނޑިވަޅުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް، ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އެހެނިހެން ލުއިފަސޭހަކަން ރިކުއެސްޓްކޮއްލުމުން ހަމަޖައްސައިދެވޭނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.

އުރީދޫން ބުނީ ކޮވިޑް-19 އާ ގުޅިގެން ދިމާވި ކަންކަމުގައި ވަޒީފާ ގެއްލުނުކަމަށް ރަޖިސްޓާކޮށްފައިވާ މީހުން އެކަމަށް ހައްލެއް ނުލިބެނީސް ނުވަތަ އެ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިތުރު ގޮތެއް ފަހިނުވާކަމުގައިވާ ނަމަ، އުރީދޫ ބިލްތައް ދައްކާފައި ނުވިކަމުގައިވިއަސް ޖޫން 2020 ގެ ނިޔަލަށް އެމީހެއްގެ ބިލްގެ ހިދުމަތް ކަނޑާނުލާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިހާލަތުގައި ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ކުރިއަށް ވުރެ ބޮޑަށް މީހުން ބޭނުން ކުރާ އިރު ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދިނުމަކީ އުފާކުރައްވާ ކަމެއް ކމަށެވެ.

"ޔަގީނުންވެސް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް މިކަމާ އެކު ލިބިގެންދާނެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމާއި ކޯޕަރޭޓް ދާއިރާއަށް ލިބުނު ގެއްލުމާ ގުޅިގެން، ޓެލެކޮމިއުނިކޭޝަން ހިމެނޭގޮތަށް، ވަރަށް ގިނަ ދާއިރާތަކަށް ވަނީ އަސަރުކޮށްފައި. ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ކަސްޓަމަރުންނާއި އިމަޖެންސީ ރެސްޕޮންސް ޓީމްތަކަށް ފޯރުކޮށްދެވޭ އެހީތެރިކަން ސަރުކާރުން ފާހަގަކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، ކުންފުންޏަށް ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ކަމަށެވެ.

"ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކަހެރިވެ އުޅެންޖެހިފައިވާ މި އާ ދިރިއުޅުމުގައި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، މުހިންމު މައުލޫމާތާއި ހަބަރުތަކަށް ވާސިލްވުމުގައި ޓެލެކޮމިއުނިކޭޝަންގެ މުހިއްމު ދައުރެއް އޮތްކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އަދި ފަސޭހަކަމާ އެކު ލިބިގަނެވޭނެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މި ހާލަތުގައި އުރީދޫން އަންނަނީ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކާއި އިމާޖެންސީ ރެސްޕޯންސް ޓީމްތަކަށް ހިލޭ ކަނެކްޝަންގެ އިތުރުން ވެސް އެހެނިހެން އެހީތައް ފޯރުކޮށްދެމުންނެވެ.