ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ބާއްވާނެ: ކޮމިޝަން
ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ބާއްވާނެ: ކޮމިޝަން

ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން އެ ކޮމިޝަނާ އެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނިކޮށެވެ. ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، ކައުންސިލް އިންތިހާބަށް އެންމެ ރަނގަޅަށް ތައްޔާރު ނުވެވިދާނެތީ އިންތިހާބު ފަސްކުރެވޭނެ ގޮތެއް އޮތްތޯ ޕީޕީއެމުން ބަލަމުން ދެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބަކާ ގުޅޭގޮތުން މަޝްވަރާކުރަން އިލެކްޝަންސް ކޮމިޝަންގައި އެދުމުން އެކަމަށް މަޝްވަރާކުރާނެ ކަމަށެވެ.

"އަދި އެއްވެސް ޕާޓީއަކުން އެދިފައެއް ނުވޭ އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކާކަށް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުތައް ބާއްވަމުން އަންނާނީ ގާނޫނުގައި ތަންދޭގޮތަށް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީ 14 ވަނަ ދުވަހެވެ. މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ އުމުރު ފެބްރުއަރީ 26ގައި ހަމަވާނެ އެވެ. އެ ކައުންސިލްގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި އާ ކައުންސިލެއް އިންތިހާބު ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެ އެވެ.

އެ އިންތިހާބަށް ކުރިމަތިލާން މި މަހުގެ 26 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ އެވެ.