11 މެއި 2020 - 21:38

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވައި އެ ބައްޔާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު އިދިކޮޅުން ހިމަހަމަ ޖެހޭ ކަމަށް ބުނެ ސަރުކާރުން ދައްކަމުން އައި ވާހަކަ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ދޮގުކޮށްފި އެވެ.
ކޮވިޑް-19އާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އިދިކޮޅުން ސަރުކާރަށް ޝުކުރު އަދާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ސަރުކާރުގެ މަސައްކަތަށް އިދިކޮޅުން ތާއިދުކުރާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޕީޕީއެމް ޕީއެންސީ ކޯލިިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އިދިކޮޅުން ސަރުކާރުގެ ސިޔާސަތުތަކަށް ތާއިދުކުރާ ކަމަށް ބުނެ ދައްކަމުން ދަނީ ދޮގުވާހަކަތަކެއް ކަމަށެވެ. އަދި މި ކަމުގައި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތް ކަމާއި، ކޮރަޕްޝަނުގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ ސިޔާސަތަށް އިދިކޮޅުން ތާއިދުކުރާ ކަމަށް ބުނީ މި ހުރިހާ ކަމެއްގެ ވާހަކަ ރައްޔިތުން ދައްކަން ފެށުމުން ރައްޔިތުންގެ ވިސްނުން އެހެން ކަމަކަށް އަނބުރާލުމަށް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފަށައި ރާއްޖެ އަށް ވެސް އެބަލި އަންނާނެ ކަމުގެ ބިރުހީވި ހިސާބުން ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކޮށް، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ރަނގަޅަށް ބޯލަނބަން އިދިކޮޅު ކޯލިޝަނުން އަބަދުވެސް ގޮވާލަމުން ގެންދިޔަ ކަމަށެވެ. އެހެންނަމަވެސް އޭރު އިދިކޮޅުން ދެއްކި ވާހަކަތަކަށް ސަރުކާރުގެ ބައެއް އިސް ބޭފުޅުން ޖޯކު ޖައްސަވާފައިވާ ކަން ވެސް ބުނެފައިވެ އެވެ.
މިފަދަ ދަނޑިވަޅެއްގައި ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ދެމުން އައި ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ރާއްޖެ މިހާތަލަށް ދިޔައީ ސިއްހީ ހިދުމަތްތެރިންގެ އިރުޝާދަށް ބޯ ނުލެނބުމުން ކަމަށާއި މިހާލަތަށް ދިއުމުން ފިޔަވަޅުތައް އަޅަން އަވަސްވެގަތުމުން ދޭހަވަނީ ސަރުކާގެ އެއްވެސް ސިޔާސަތެއް ނެތި ސަރުކާރު ފެއިލްވެފައިވާ ކަން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.