17 އޮކްޓޯބަރ 2016 - 06:12

ކައިވެންޏަށް ފަހު ފިލްމީ ކެރިއަރު ނިންމާލަން ނުޖެހޭ ކަމަށާއި އެކަމަކު ބަތަލާއިން ކައިވެނި ކުރުމުން މިހާރު ރަނގަޅު ފިލްމުތައް ނުލިބޭ ކަމަށް މަޝްހޫރު ފިލްމީ ބަތަލާ ކާޖޮލް ބުނެފި އެވެ.
އޭނާ ބުނީ ކައިވެންޏަށް ފަހު ވެސް ފިލްމު ކުޅޭ ތަރިން ވަރަށް ކުރިއްސުރެ އުޅޭ ކަމަށާއި އެކަން މާ ބޮޑުކަމަކަށް ވެގެން އުޅެނީ މިހާރު ކަމަށެވެ.
ކާޖޮލް ބުނި ގޮތުގައި އޭނާގެ މަންމަ ތަނޫޖާ އާއި ޝަރުމީލާ ޓޭގޯ އަދި ސާއިރާ ބާނޫ ފަދަ ބަތަލާއިން ކައިވެނީގެ ފަހުން ފިލްމީ މަސައްކަތުގައި ދެމި ތިއްބެވެ. އަދި ޑިމްޕަލް ކަޕާޑިއާ ފަދަ ބަތަލާއިން ކައިވެނީގެ ކުރިއަށް ވުރެ ކައިވެނީގެ ފަހުން މާ ގިނަ ފިލްމުތައް ކުޅުނެވެ.
ކައިވެނީގެ ފަހުން ފިލްމު ކުޅޭ ބަތަލާއިންނާއި އެއްގޮތަކަށް ވެސް ފިލްމު ނުކުޅޭ ބަތަލާއިން ވެސް އެބަ ތިބި ކަމަށާއި އެއީ އަމިއްލައަށް އިޚްތިޔާރު ކަމަށް ކާޖޮލް ބުންޏެވެ.
މިހާރުގެ ބަތަލާއިންނަށް ވެސް ކައިވެންޏަށްފަހު ފިލްމު ކުޅެން ބޭނުން ނަމަ އެ ފުރުސަތު ލިބެ އެވެ. ނަމަވެސް ގިނަ ފަހަރަށް ކުޅެން ޖެހެނީ މަންމަގެ ބައި ނުވަތަ ދޮށީ ދައްތައެއްގެ ބައެވެ. ނޫން ނަމަ އަންހެނުންނަށް ދިމާވާ ކޮންމެވެސް މައްސަލައަކާ ގުޅޭ ގޮތުން ކުޅޭ ޚާއްސަ ފިލްމުތަކެވެ. އެ ބަތަލާއިން ކުރިން ކުޅުނު ފަދަ ރޯލުތައް ކުޅެން ލިބެނީ ވަރަށް މަދު ފަހަރަކު އެވެ.
އުމުރުން 23 އަހަރުގައި ބޮލީވުޑް ކެރިއަރު ފަހަތަށް ޖައްސާލުމުގެ ހިތްވަރު ކާޖޮލް އަށް ލިބުނަސް ގިނަ ބަތަލާއިން އުމުރުން 35 އަހަރު ނުވަތަ 40 އަހަރަށް ވުރެ ވެސް މަތިވަންދެން ކައިވެނި ނުކޮށް ތިބެ އެވެ. އެއީ ފިލްމީ ކެރިއަރަށް ނިމުން އަތުވެދާނެތީ ގަންނަ ބިރަކުންނެވެ.
އަޖޭ ދޭވްގަން އާއި ކާޖޮލް ކައިވެނިކޮށްފައި ވަނީ 1999 ވަނަ އަހަރު އެވެ. އަދި މި ކައިވެންޏަށް 13 އަހަރުގެ އަންހެންކުއްޖަކާއި ހަ އަހަރުގެ ފިރިހެން ކުއްޖަކު މިހާރު އެބަހުއްޓެވެ.
ކައިވެންޏަށްފަހު ދުވަސްކޮޅަކަށް ފިލްމު ކުޅުމާ ދުރަށް ދިއުމަށް ފަހު ކާޖޮލް އެނބުރި އައުން ފާހަގަކުރީ 2003 ގައި ނުކުތް "ފަނާ" އިންނެވެ. އަދި އޭގެ ފަހުން ވެސް ބައެއް ހިންދީ ފިލްމުތައް އޭނާ ކުޅެފައި ވެ އެވެ.
ކާޖޮލް ބުނެފައި ވަނީ ދަރިން ލިބުމުން ގަސްތުކޮށްފައި ވަނީ އަހަރަކު އެއް ފިލްމަށް ވުރެ ގިނައިން ނުކުޅެން ކަމަށެވެ.