15 މެއި 2020 - 17:27

މެދު ރާއްޖެ ތެރެއަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް އޮރެންޖް އެލާޓް ނެރެފި އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް، މޫސުން ގޯސްވާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން އޮތީ ލަފާކޮށްފަ އެވެ. އެކަމަކު އޮރެންޖް އެލާޓް ނެރުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
މެޓް އޮފީހުން ނެރުނު އެލާޓްގައިވާ ގޮތުން، މިއަދު ހަވީރުން ފެށިގެން ރޭގަނޑު ހަތަކާ އާ ހަމައަށް ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މޫސުން ގޯސްވެ، ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުން މުހިންމެވެ.
ރޭ ފަތިރު ކުރިއަށް ވިއްސާރާގައި މާލޭގައި ވެސް ގަސްތައް ވެއްޓި އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، އައްޑޫގެ 150 އަށް ވުރެ ގިނަ ގެއަށް ފެން ވަދެފައިވެ އެވެ.