ފިލްމު ކުޅޭ މީހުން ޓިކްޓޮކާ ހެދި ބާކީވެދާނެ: ހުމާ ގްރެޝީ
ފިލްމު ކުޅޭ މީހުން ޓިކްޓޮކާ ހެދި ބާކީވެދާނެ: ހުމާ ގްރެޝީ

ޓިކްޓޮކްގެ ނުފޫޒު މިހާރު ވަރަށް ގަދަ ކަމަށާއި އޭގެ ސަބަބުން އެތައް ބަޔަކަށް ގިނަ ފުރުސަތުތަކެއް ލިބެމުން އަންނާތީ، ފިލްމު ކުޅޭ މީހުންގެ ބޭނުން ކެނޑިދާނެކަމުގެ ބިރު މިހާރު އެބަ އޮތް ކަމަށް ބޮލީވުޑްގެ ބަތަލާ ހުމާ ގްރޭޝީ ބުނެފި އެވެ.

"ގޭންގް އޮގް ވަސޭޕޫރް" އާއި "ޖޮލީ އެލްއެލްބީ 2" އަދި "ބަދުލާޕޫރް" ފަދަ ފިލްމުތައް ކުޅުނު 33 އަހަރުގެ ބަތަލާ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ ޓިކްޓޮކް ކަހަލަ ސޯޝަލް ޕްލެޓްފޯމްތަކާ އެއްގޮތަކަށް ވެސް ދެކޮޅު މީހެއް ނޫން ކަމަށެވެ. އެކަމަކު ޕްރޮފެޝަނެއްގެ ގޮތުގައި ފިލްމު ކުޅޭ މީހަކަށްވާތީ ކަންބޮޑުވުންތަކެއް ހުރީ ކަމަށް ބުންޏެވެ.

"އިހަކަށް ދުވަހު އަހަރެން ދުށިން މީހަކު ކުކުޅު ފައެއްގެ ވީޑިއޯއެއް ޓިކްޓޮކަށް ލައިގެން އުޅެނިކޮށް. އޭގެ މާ ގިނަ ދުވަހެއް ނުވެ އެނގުނީ އޭނާ އަކީ މިހާރު ކުކުޅު މަސް ވިއްކާ ކުންފުންޏެއްގެ ބްރޭންޑް އެމްބެސެޑަރުކަން،" ހުމާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓިކްޓޮކްގައި ދައްކާ ހުނަރުގެ ސަބަބުން އެތައް ބަޔަކަށް އެތައް ދޮރުތަކެއް ހުޅުވި، ފުރުސަތުތައް އަންނަނީ ލިބެމުންނެވެ. އަދި އެއީ ރަނގަޅު ކަމެކެވެ.

"އެކަމަކު އަހަރެން ހިތަށް އަރަނީ ޓިކްޓޮކް ކަހަލަ އެއްޗެހީގެ ނުފޫޒާ ހެދި އަހަރެމެން ކެރިއަރެއްގެ ގޮތުގައި ފިލްމު ކުޅޭ މީހުންގެ ބޭނުން ވެސް ކެނޑިދާނޭ." ހުމާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ޓިކްޓޮކަކީ މިހާރު ވަރަށް ގިނަ ބައެއްގެ ހަޔާތުގެ މުހިއްމު ބައެކެވެ. އެކަމަކު ކޮންމެ އެއްޗެއްގެ ބޭނުން ވެސް ހިފަން ޖެހޭނީ ރަނގަޅަށް ކަމަށް ބުންޏެވެ.

"މިސާލަކަށް ހަމަ މީހުންގެ ސަމާލުކަން ހޯދަން ނޫނީ މަޝްހޫރުވާން ތާކުންތާކު ނުޖެހޭ ކަހަލަ އެއްޗެހި ޓިކްޓޮކުން ފެނުމަކީ ގަބޫލުކުރަން އުނދަގޫކަމެއް. އަހަރެން ދެކޭ ގޮތުގައި ކޮލިޓީ ކޮމްޕްރަމައިޒްކޮށްގެން ނުވާނެ." އެކްޓަރު ސާގިބް ސަލިމްގެ ދައްތަ ބުންޏެވެ.

ޓިކްޓޮކާ ބެހޭ ގޮތުން ހުމާ ވާހަކަ ދެއްކި އިރު، ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންނަކީ ވެސް މިހާރު ޓިކްޓިކް ބޭނުންކުރާ މީހުންނެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެކަކީ ޝިޕްލާ ޝެޓީ އެވެ.

ހުމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މި މަހުގެ 22 ގައި ޒީ5 އިން ސްޓްރީމްކުރާ "ގޫމްކެޓޫ" އާއި ނެޓްފްލިކްސްގެ ހޮލީވުޑް ފިލްމު "އާމީ އޮފް ދަ ޑެޑް" ހިމެނެ އެވެ.