ލޭބާ ކުއާޓަތަކުގައި އުޅޭ ބިދޭސީންނަށް ސިއްހީ ފަރުވާ ފޯރުކޮށްދީފި
ލޭބާ ކުއާޓަތަކުގައި އުޅޭ ބިދޭސީންނަށް ސިއްހީ ފަރުވާ ފޯރުކޮށްދީފި

ބިދޭސީން ދިރިއުޅޭ ލޭބާ ކުއާޓާތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައި އުޅޭ ބިދޭސީންނަށް ސިއްހީ ފަރުވާ ދޭ ހާއްސަ އޮޕަރޭޝަނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައިފި އެވެ.

މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 80 މީހަކަށް ސިއްހީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް އެ އޭޖެންސީން ބުންޏެވެ. އަދި އެ މީހުން ދިރިއުޅެމުން ދިޔަ ތަންތަނަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ހާލަތު ބެލި ކަމަށް ވެސް ބުނެފައި ވެ އެވެ.

ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން 28 ތަނެއް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ދިރިއުޅެން ޖެހިފައިވާ ބިދޭސީން، އެހެން ތަންތަނަށް ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެ މީހުން އެ ތަންތަނުގައި ބައިތިއްބަނީ އެ މީހުން ގެނައި ދިވެހި ވިޔަފާރިވެރިން ކުލި ދައްކާ ގޮތަށެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު، ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެނަކު މާލެ އިން ފެނުނު ފަހުން މި ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ކަން ވަނީ ދެނެގަނެވިފަ އެވެ. މިހާތަނަށް 1078 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވާ އިރު، ގިނައީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ބިދޭސީންނެވެ. މިހާތަނަށް 557 ބަންގްލަދޭޝް މީހުންނާއި 103 އިންޑިއާ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ.