17 މެއި 2020 - 21:06

މާލެއަށް ނަރުދޫން ދަތުރު ކުރާ ހަމައެކަނި އުޅަނދު، "އަމާޒު ބޯޓު"ގެ ކައްޕި މިދިޔަ މަހު 28ގައި ޕޮޒިޓިވްވުމާއެކު، އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ރޯދަ މަހަށް ބޭނުންވާ ގިނަ ތަކެތި ރަށަށް އެތެރެ ނުކުރެވެނީސް، ރަށުގެ 11 މީހަކަށް ބަލިޖެހި، އެ ރަށަށް ބަންދުކުރީ އެވެ. އެހެންވެ، ރަށުގެ ރައްޔިތުން ހީކުރި ގޮތުން މިއީ ވަރަށް ދަތި ރޯދަމަހަކަށް ވާނެ އެވެ.

އެކަމަކު، ށ. އަތޮޅުގެ އެހެން ރަށްތަކުން ވަނީ ނަރުދޫގެ ރައްޔިތުން ހާލުގައި ޖެހުނަ ނުދީ ދީލަތި ކަމާއެކު އެހީތެރިވެދީފަ އެވެ. އެ ރަށް މޮނިޓަރިން އަށް ލީ ދުވަހުން ފެށިގެން، އަތޮޅުގެ އެކި ރަށްތަކުން އަންނަނީ ނަރުދު އަށް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

އެންމެ ފުރަތަމަ ށ. ގޮއިދޫން އެ ރަށުގެ ހުރިހާ އެންމެންނަށް ކަނޑުމަސް ބެހީ އެވެ. ފީވަކުން 100 ބަސްތާ ކާޑުގެ ބާވަތްތައް ހަދިޔާ ކުރި އެވެ. އާފަލާއި މޭބިސްކަދުރާއި އޮރެންޖު ފަދަ މޭވާ ވެސް އެ ރަށުން ދިނެވެ. މިލަންދޫން ވަނީ ނަރުދޫގެ ކޮންމެ ގެއަކަށް ޕާނާއި ހޮޓްޑޯގް ބަނަސް ބަހައިފަ އެވެ.

އެ އަތޮޅު ފުނަދުއިން މިއަދު ވަނީ ރޯމަހާއި ދަޅުމަހާއި އަލަނާސި އާއި ގެރިކިރު ދަޅާއި ބޯފެނާއި ދޮންނަ ކުނޑި ފަދަ އެކި ބާވަތްތައް ހިމެނޭ ޕެކޭޖެއް ކޮންމެ ގެއަކަށް ދީފަ އެވެ.
އެނގިފައިވާ ގޮތުން ކޮމަންޑޫ ރައްޔިތުންގެ ފަރާތުން މާދަމާ އެހީ ފޮނުވާނެ އެވެ.
"އަޅުގަނޑުމެން ހީކުރީ ވަރަށް ދަތި ރޯދަ މަހަކަށް ވާނެ ކަމަށް. އެކަމަކު އަތޮޅުގެ ރަށްތަކުގެ އެހީތެރިކަމާއެކު އިރާދަކުރެއްވީތީ އެ ދަތިކަން ވަނީ ފިލާފައި،" ގާތްގަނޑަކަށް 600 މީހުންގެ އާބާދީއެއް އޮންނަ ނަރުދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ނިޒާރު ވިދާޅުވި އެވެ.
"މި އެހީ އަޅުގަނޑުމެން ބަލައިގަންނަން. މިއީ އެހީތެރިވުމުގައި ނަމޫނާ އަތޮޅެއް،"
ނިޒާރު ވިދާޅުވީ މާލެ ދަތުރު ކުރާ އުޅަނދެއް މިހާރު ނެތުމުން ކާބޯތަކެއްޗާއި ޒަރޫރީ ބައެއް ތަކެތި ހޯދުމަށް އުނދަގޫވެފައި ކަމަށެވެ. އެކަމަކު އެކަމުގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، އޭނާ ވިދާޅުވި ގޮތުގައި އަތޮޅުގެ ރަށްރަށުގެ ފަރާތުންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތުމުން، ނަރުދުއަށް އަރާ ފޭބުމަކީ މަނާކަމެކެވެ. އެހެންވެ، ކޮންމެ ރަށަކުން ވެސް އެހީގެ ތަކެތި ބަނދަރުމައްޗަށް ބާލުވާފައި އެނބުރި ދަނީ އެވެ. ނަރުދުއިން އެ ތަކެއްޗާ ހަވާލުވަނީ، އެހީ ހިފައިގެން އައި މީހުން އެނބުރި ދިއުމުންނެވެ. އަދި އެ ރަށްތަކުން އެދިފައިވާ ގޮތަށް، އެހީގެ ސާމާނު ބަހަނީ ކައުންސިލާއި އެ ރަށުގައި އޮންނަ ޓާސްކް ފޯހަކުންނެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ތަކެތި ޑެލިވަރީ ކުރަނީ ވެސް ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އެހީގެ ސާމާނު ހިފައިގެން ގޭގެއަށް ވަނުމުގެ ބަދަލުގައި، ކޮންމެ ގެއެއްގެ ދޮރުމަތީގައި ބަހައްޓައި، އެކަން ގޭގެ ވެރިފަރާތަށް އަންގަނީ އެވެ. ބޭނުމަކީ ވީހާ ވެސް މަދު ބަޔަކާ ގާތުން ބައްދަލުވުމެވެ.
މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖޭން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ނަރުދުއިންނެވެ. އެންމެ ފުރަތަމަ އެ ބައްޔަށް އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ފުރި އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ އަށް ފަހު އޭނާގެ އާއިލާގެ އިތުރު ހަތް މީހުންނާއި އިތުރު ބަޔަކު މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.