18 މެއި 2020 - 16:49

ދޯހާ (މެއި 18) - ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގަތަރުގައި ފޭސް މާސްކް އެޅުން މަޖްބޫރުކޮށް، އެ އަމުރާ ޚިލާފު ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ދޭން ނިންމައިފި އެވެ.
ގަތަރު ސަރުކާރުން ބުނީ ބޭރުތެރޭގައި އުޅޭ ނަމަ މާސްކް އެޅުން މިހާރު މަޖްބޫރުވާނެ ކަމަށާއި މާސްކް ނާޅާ ނަމަ ތިން އަހަރުގެ މުއްދަތަށް ޖަލަށް ނުވަތަ 55،000 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އާބާދީގެ ނިސްބަތަށް ބަލާ ނަމަ ކޮރޯނާވައިރަހަށް އެންމެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގަތަރުން ވަނީ 32,604 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން ވަނީ 15 މީހުން މަރުވެފަ އެވެ.
ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގަތަރުގެ ސްކޫލްތަކާއި މިސްކިތްތައް އަދި ޝޮޕިން މޯލްތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، އިމާރާތް ކުރުމުގެ ސައިޓްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. ގަތަރުން އަންނަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސްޓޭޑިއަމްތައް ނިންމަން ހަލުވިކަމާ އެކު މަސައްކަތް ކުރަމުންނެވެ.
އާބާދީގައި ތިން މިލިއަން މީހުން ވެސް ހަމަނުވާ ގަތަރަކީ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތުން ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމެވެ.