19 މެއި 2020 - 08:27

ކޮވިޑް-19 ގެ ހަގީގީ ނުރައްކަލާއި އެ ނުރައްކާތައް އާންމުންނަށް ކިޔައިދެވޭ ގޮތުގައި ތަފާތުތަކެއް އެބަ ހުއްޓެވެ. މިއީ އާ ބައްޔަކަށް ވުމުން، އެއާ ބެހޭ މާ ގިނަ މައުލޫމާތެއް އަދި ތަފާސްހިސާބެއް ނެތުމުން މިކަމުގައި އެއްޗެއް ކިޔަން ނޭނގުނު ކަމަށް ވިޔަސް މި ބަލި ބޮޑަށް ފެތުރި ތަޖުރިބާކުރި ގައުމުތަކުގެ ހިސާބުތަކުން މިހާރު ކޮވިޑް-19ގެ ހަގީގީ ނުރައްކާ އޮތީ ކިހިނެއް ކަމުގެ މަންޒަރު ސިފަވެ އެވެ.

މިއީ "ކޮވިޑުން ކުރިމަތިވާ ނުރައްކާ" އަދި "ކޮވިޑުގެ ނުރައްކާ" އޮތް ގޮތާ މެދު "ދަ މީޑިއަމް" ގައި ޑޭވިޑް ސްޕީގެލްހާލްޓާ ލިޔެފައިވާ ލިޔުމެއްގެ ހުލާސާއެކެވެ.
ސްޕީގެލްހާލްޓާ އޭނާގެ ލިޔުން ފަށަމުން ވެސް ބުނެފައި ވަނީ މި ދައްކަނީ ކޮވިޑް-19ގެ ސަބަބުން ފުރާނަ އަށް ނުރައްކާވާ ހާލަތުގެ ވާހަކަ ކަމަށެވެ. މިއީ ބަލީގެ ސަބަބުން ކުރިމަތިވެދާނެ އެހެން މައްސަލަތަކާއި ފަރުވާއާ ގުޅުން ހުރި ވާހަކައެއް ނޫންކަން ފާހަގަކުރި އެވެ.
ކޮވިޑާ ގުޅުން ހުރި ރިސްކްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ވަރަށް ފަރުވާތެރިކަމާ އެކު ދެ ކަމެއް ފާހަގަކޮށްލަން ޖެހެ އެވެ. އެއީ މި ދެ ކަންތައް ދެ ކަމެއްގެ ގޮތުގައި ބުނެދިނުން އުނދަގޫވާތީ އެވެ. އެއީ؛
➊ ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން މީހުން މަރުވުމުގެ ފުރުސަތު (އިންފެކްޝަން ފެޓާލިޓީ ރޭޓް)، މިކަން ބިނާވަނީ ބަލި ޖެހޭ މީހާގެ ސިއްހަތާއި ފަރުވާކުރުމާއި މިފަދަ އެތައް ކަމެއްގެ މައްޗަށެވެ.
➋ މިވަގުތު ކޮވިޑް-19 ނުޖެހި ތިބި މީހުންގެ ތެރެއިން މި ބަލީގައި މަރުވުމުގެ ފުރުސަތު (ޕޮޕިއުލޭޝަން ފެޓާލިޓީ ރޭޓް، ޕީއާރްއެފް) އަކީ ވެސް މި ބަލި ޖެހިއްޖެ ނަމަ އިންފެކްޝަން ފެޓާލިޓީއާ ގުޅުން ހުރި ކަންކަމުގައި މަރުވަން ދިމާވާ ސަބަބެކެވެ.
މިހާރު މި ދެ ކަންތައް ދިރާސާކުރެވޭ ވަރަށް ވަނީ މައުލޫމާތު އާންމުކޮށްފަ އެވެ. އެކަމަކު މިފަހަރު މި ބަލައިލަނީ ޕޮޕިއުލޭޝަން ފެޓާލިޓީ ރޭޓަށެވެ. އެހެންވެ މި ލިޔުމުގައި މީގެ ފަހުން ރިސްކް ނުވަތަ ނުރައްކާ ކަމަށް ބުނެފައި އެ ވަނީ މި ވަގުތު ކޮވިޑް-19 ނުޖެހި ތިބި މީހުންނާ ބެހޭ ގޮތުންނެވެ.
އިނގިރޭސި ވިލާތުގެ އޮފީސް ފޯ ނެޝަނަލް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުގައި އިންގްލެންޑާއި ވޭލްސްގައި މެއި 1 އާ ހަމައަށް، ކޮވިޑް-19 ގައި މަރުވި މީހުންގެ ހިސާބުތައް ހިމަނާފައިވެ އެވެ. މިއީ އިނގިރޭސި ވިލާތުގައި ކޮވިޑް-19 ޕީކަށް އަރައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ފަސް ހަފުތާ ހިމެނޭ މުއްދަތުގެ މައުލޫމާތެވެ. މި މައުލޫމާތު ހިމެނޭ ޓޭބަލް ތިރީގައި އެ ވަނީ އެވެ.
◄ ފުރަތަމަ ގޮޅީގައި އުމުރުން 0-14 އަހަރާ ދެމެދުގެ ދެ ކުއްޖަކު މަރުވި ކަމަށް އޮތް އިރު އެއީ އުމުރުން 15 އަހަރުން ދަށުގެ 10 މިލިއަނަށް ވުރެ ގިނަ ކުދިންގެ ތެރެއިންނެވެ. މާނަ އަކީ މި އުމުރުގައި ކޮވިޑް-19 ޖެހިގެން މަރުވުމުގެ ރިސްކަކީ ކޮންމެ ފަސް މިލިއަނަކުން 1 ކަމެވެ. މިއީ ވަރަށް ދަށް އަދަދެކެވެ. އަދި މި ފަސް ހަފުތާ ތެރޭގައި މި އުމުރުފުރަޔަށް ރިސްކުގެ ނިސްބަތަކީ އެއް ޕަސެންޓެވެ. މީގެ އިތުރުން ފާހަގަވާ އަނެއް ކަމަކީ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ ތެރެއިން 95 ޕަސެންޓް މީހުންނަކީ ސިއްހީ އެހެން މައްސަލައެއް ހުންނަ މީހުންކަމެވެ.
◄ އުމުރުން 90 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޮވިޑް-19 ގައި މި މުއްދަތުގައި މަރުވި މީހުންނަށް ބަލާއިރު އެ ނިސްބަތް ހުރީ 1.2 ޕަސެންޓުގަ އެވެ. އެއީ ކޮންމެ 81 އިން 1 އެވެ. މި މުއްދަތުގައި މި އުމުރުފުރައިން މަރުވި 6،504 މީހުންނާއި މިދިޔަ ފަސް އަހަރު މި މުއްދަތުގައި މަރުވި މީހުންގެ އަދަދާ އަޅައިބަލާއިރު އެއީ 10،644 އެވެ. އެހެންވެ ކޮވިޑް ރިސްކުގެ ނިސްބަތަކީ 61 ޕަސެންޓެވެ. އެހެންވެ މީގެ މާނަ އަކީ މި އުމުރުގެ މީހުންނަށް ބަލިމަޑުކަމުގެ މި ފަސް ހަފުތާގައި 23 ދުވަހުގެ އިތުރު ރިސްކެއް އޮތްކަމެވެ. އެއީ 35 ދުވަހުގެ 62 ޕަސެންޓެވެ. މިއީ އުމުރުން 15-24ގެ އުމުރުފުރަޔަށް އޮތް ރިސްކާ އަޅައިބަލާއިރު 3،000 ގުނަ ބޮޑު މިންވަރެވެ.
◄ ޖުމްލަކޮށް ބަލާއިރު ކޮންމެ 1،807 މީހަކުން އެކެއްގެ މަރުގެ ސެޓްފިކެޓްގައި، މަރުގެ ސަބަބެއް ކަމަށް އޮތީ ކޮވިޑް-19 އެވެ. މިއީ އާންމުކޮށް އޮންނަ ރިސްކަށް ވުރެ 65 ޕަސެންޓުގެ އިތުރުވުމެކެވެ. ޕީކްގެ 35 ދުވަހަށް ބަލާއިރު 23 ދުވަހުގެ ރިސްކެކެވެ.
މި ރިސްކުތައް އަންހެނުންނާއި ފިރިހެނުންނަށް ވެސް ތަފާތެވެ.
ލިބެން ހުރި މައުލޫމާތުން ފެންނަނީ އުމުރު މަތިވާ ވަރަކަށް ކޮވިޑް-19ގެ ރިސްކް ބޮޑުވާތަނެވެ. އެގޮތުން އުމުރުން އިތުރުވާ ކޮންމެ އަހަރަކަށް 11-12 ޕަސެންޓް ރިސްކު ބޮޑުވެ އެވެ. އަދި އުމުރުގެ ކޮންމެ 6-7 އަހަރަކުން ރިސްކު ދެ ގުނަ ބޮޑުވެ އެވެ. މީގެ މާނަ އަކީ 20 އަހަރުގެ އުމުރުގެ ތަފާތަކުން އަށް ގުނަ އަށް ރިސްކް ބޮޑުވުމެވެ. އެހެންވެ އުމުރުން 20 އަހަރުގެ މީހަކާ އަޅައިބަލާއިރު 80 އަހަރުގެ މީހަކަށް އޮންނަ މި ބަލީގައި މަރުވުމުގެ ރިސްކު 500 ގުނަ އިތުރުވެ އެވެ.
މިކަމުގައި އެއް އުމުރެއްގެ އަންހެނުންނާއި ފިރިހެނުން އަޅާބަލާއިރު ފިރިހެނުންނަށް ގާތްގަނޑަކަށް ރިސްކުގެ މިންވަރު ދެ ގުނަ މައްޗެވެ.
(ބަލިމަޑުކަން އެންމެ ގޯސްވި ފަސް ހަފުތާގެ ތެރޭގައި)
◄ ވައިރަސް އެރުމުގެ ފުރުސަތާއި ވައިރަސްގެ ސަބަބުން މަރުވުމުގެ ފުރުސަތު އަންހެނުންނަށް ވުރެ ފިރިހެނުންނަށް ގާތްގަނޑަކަށް ދެ ގުނަ ބޮޑު.
◄ މަރުވުމުގެ ނުރައްކާ، އުމުރުގެ ކޮންމެ 6-7 އަހަރެއްގެ އިތުރުވުމަކުން ދެ ގުނަ އިތުރުވޭ. އުމުރުން 20 އަހަރުގެ މީހަކާ އަޅައިބަލާއިރު 80 އަހަރުގެ މީހަކަށް އޮންނަ މި ބަލީގައި މަރުވުމުގެ ރިސްކު 500 ގުނަ އިތުރުވޭ.
◄ އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ވައިރަސް އެރުމާއި އެކަމުގެ ސަބަބުން މަރުވުމަށް އޮތް ރިސްކު، މި ފަސް ހަފުތާއާ އަޅައިބަލާ ނަމަ އާންމު ދުވަސްވަރަކަށް ވުރެ ތިން ހަފުތާގެ މުއްދަތުގެ ރިސްކެއް އިތުރުވޭ.
◄ އުމުރުން 15-45 އަހަރާ ދެމެދުގެ މީހުންނަށް އޮތް ރިސްކު މި ފަސް ހަފުތާއާ އަޅައިބަލާ ނަމަ އާންމު ހާލަތުގެ އިތުރު އެއް ހަފުތާގެ މުއްދަތުގެ ރިސްކެއް އިތުރުވޭ.
◄ އުމުރުން 15 އަހަރުން ދަށަށް އޮތް ރިސްކުގެ މިންވަރު އިތުރުވަނީ ކަންބޮޑުވުމެއް ނެތްހާ ކުޑަ މިންވަރަކަށް.
ޒުވާން އުމުރު ފުރާތަކަށް އޮތް ރިސްކު ކުޑަ ކަމަށް ހިސާބުތަކުން ދައްކަނީ އެ އުމުރުފުރާގައި "ގުދުރަތީ މަރު" ނޫން ނުވަތަ އެކްސިޑެންޓްތަކުގައި މަރުވުމުގެ ފުރުސަތު މާ ބޮޑުކޮށް އޮންނާތީ ކަމަށް ވެދާނެ އެވެ. އަދި ކޮވިޑްގެ ސަބަބުން މި އުމުރުގެ މީހަކު މަރުވި ކަމުގައި ވިޔަސް އެއީ "ގުދުރަތީ މަރެއް" ކަމަށް ނިންމާފައި އޮތުމުގެ ފުރުސަތު ބޮޑުވުން ވެސް ހިމެނެ އެވެ.