މިނިސްޓަރު މަހުލޫފް ދެ ވަނަ ފަހަރަށް ހޯމް ކަރަންޓީނަށް
މިނިސްޓަރު މަހުލޫފް ދެ ވަނަ ފަހަރަށް ހޯމް ކަރަންޓީނަށް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދިރިއުޅުއްވާ އިމާރާތުގައި އުޅޭ މީހަކު، ކޮވިޑް-19 މީހަކު ޕޮޒިޓިވްވުމުން، ދެ ވަނަ ފަހަރަށް މަހްލޫފް ކަރަންޓީންވާން ޖެހިވަޑައިގެންފި އެވެ.

މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހ. ދެތަނޑިމާލޮޖް ގެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ އެއްގޮތަށް އޭނާ ހުންނެވީ ބަސް އަހައިގެން ގޭގައި ކަމަށެވެ. މިވަގުތު ސިއްހީ މާހިރުންގެ ލަފައާ އެއްގޮތަށް އަމަލުކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ދެތަނޑިމާލޮޖް ގޭގައި ހިއްޕާފައިވާ ނޯޓިހުގައިވާ ގޮތުން އެ ގެ ކަރަންޓީނަށް ނުވަތަ މޮނިޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެވެ. އެހެންވެ 14 ދުވަސް ވަންދެން ނުވަތަ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެ ގެއަށް ވަދެ ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް ބުނެފައި ވެ އެވެ.

މާލޭގައި ވެސް ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މަހުލޫފު އެންމެ ފުރަތަމަ ހޯމް ކަރަންޓީނަށް ވަޑައިގަތީ، ވޮލަންޓިއަރުންގެ ގްރޫޕުން މަަސައްކަތްކޮށްދިން، އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު މިދިޔަ މަހުގެ 20 ހިސާބުގައި އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. ގޭގައި 14 ދުވަހު މަޑުކުރެއްވުމަށް ފަހު މަހުލޫފު ވަނީ އަނެއްކާ ވެސް ޑެލިވަރީގެ ހިދުމަތަށް ނުކުމެވަޑައިގެންފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،094 އަށް އަރާފައިވާއިރު އެ ބަލީގައި ހަތަރު މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 59 އެވެ.