20 މެއި 2020 - 14:28

ވޮޝިންޓަން (މެއި 20) - ކޮވިޑް-19 އެންމެ ގިނައިން ޖެހުނު މީހުން ތިބި ގައުމަކީ އެމެރިކާ ކަމަށްވުމަކީ ލިބުނު "ޝަރަފުގެ ބެޖެއް" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އެކަން އަޅުގަނޑު ދެކެނީ ރަނގަޅެއްގެ ގޮތުގައި. ސަބަބަކީ އޭގެ މާނައަކީ އެމެރިކާގައި ޓެސްޓް ކުރުން އެހެން ގައުމުތަކަށް ވުރެ ރަނގަޅުވުން،" ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 1,570,583 މީހުން ޕޮޒިޓިވްވެ 93,533 މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް ރަނގަޅުވެފައި ވަނީ 361,180 މީހުންނެވެ.
ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ބޭއްވި ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމަށް ފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެފައި ވަނީ ޓެސްޓް ކުރުން ފުޅާކުރުމުން ކަމަށާއި އެއީ ޕްރޮފެޝަނަލް މީހުންގެ މަސައްކަތް ކަމަށެވެ.
އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލުން ބުނީ އަންގާރަ ދުވަހުގެ ނިޔަލަށް 12.6 މިލިއަން ކޮރޯނާވައިރަސް ޓެސްޓް ހަދާފައިވާ ކަމަށެވެ.
ޓްރަމްޕުގެ ވާހަކަތަކާ ގުޅިގެން ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީން ބުނެފައި ވަނީ އެމެރިކާގައި 1.5 މިލިއަން މީހުން ޕޮޒިޓިވްވުމަކީ ލީޑަޝިޕް ފެއިލްވުން ކަމަށެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ޑޭޓާ ދައްކާ ގޮތުން އެމެރިކާގައި ގިނަ ބަޔަކު ޓެސްޓްކުރި ނަމަވެސް އާބާދީގެ ނިސްބަތުން ޓެސްޓްކުރާ ރޭޓަށް ބަލާއިރު އެ ގައުމު އުޅެނީ 16 ވަނައިގަ އެވެ.