26 މެއި 2020 - 01:05

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ބާއްވާ ޖަލްސާ އަށް ވަޑައިގަތުމުގެ ހުއްދަ ފުލުހުން ދޭން ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މި މަހުގެ ނިޔަލަށް އިއުލާން ކޮށްފައި ވަނިކޮށް، މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން، އެ ކަމާ މެދު މަޖިލީހުގެ މެމްބަރުންނާއި ބައެއް ގާނޫނީ ވަކީލުންގެ ހިޔާލު ވެސް ތަފާތެވެ.
މަޖިލީހުގެ ދެ މެމްބަރަކު މިރޭ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި، މާދަމާ ހެނދުނު 11:00 ގައި ބާއްވާ ޖަލްސާ އަށް ވަޑައިގަތުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ޚާއްސަ ހުއްދައެއް ވަނީ ދީފަ އެވެ.
"ރައީސް ނަޝީދު ވިދާޅުވީ، ޖަލްސާ އަށް ވަޑައިގަންނަވަމުން، މަޖިލީހުގެ ފާސް [ފުލުހުންނަށް] ދައްކައިލުމުން އޯކޭވާނެ ކަމަށް. އެކަމަކު، ޖަލްސާ ނުބޭއްނެއޭ ބުނާތީ، މަޖިލީހަށް ދާން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ އަށް އެދުނީ. އެ ބޭފުޅުން ވަގުތުން ހުއްދަ ދެއްވައިފި،" ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވި އެވެ.
ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވެސް ވިދާޅުވީ، ޖަލްސާ އަށް ވަޑައިގަތުމަށް ފުލުހުން ޚާއްސަ ހުއްދަ ޕޯޓަލް މެދުވެރިކޮށް ދީފައިވާ ކަމަށެވެ.
މި ލޮކްޑައުންގެ މުއްދަތުގައި އެއްވެސް ބަޔަކަށް ބޭރަށް ނުކުމެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައެއް ލިބިގެންނެވެ.
ޖަލްސާ އަށް ވަޑައިގަތުމަށް މެމްބަރުންނަށް ވަކިވަކި ހުއްދަ ފުލުހުން ދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަށް ކަމެއް އަދިއެއް ނޭނގެ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު، މެމްބަރުންގެ ވަޓްސްއެޕް ގުރޫޕްގައި ކުރިން ވިދާޅުވެފައި ވަނީ ލޮކްޑައުންއާ މެދު ގޮތެއް ނިންމަންދެން މަޖިލީހުގެ ތަޅުމުގައި ޖަލްސާ ނުބާއްވައި މަޑުކުރަން ދަތި ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށެވެ.