ނުޝްރަތު ބަރޫޗާ އަށް ބިރުވެރި ފިލްމެއް
ނުޝްރަތު ބަރޫޗާ އަށް ބިރުވެރި ފިލްމެއް

ކުރިއަރަމުން އަންނަ ބޮލީވުޑްގެ ޒުވާން ބަތަލާ ނުޝްރަތު ބަރޫޗާ ބިރުވެރިވެރި ފިލްމަކަށް ސޮއިކޮށްފި އެވެ.

"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ޕިޔާރު ކާ ޕަންޗްނާމާ" އަދި "ޑްރީމް ގާލް" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ބަތަލާ ސޮއިކުރި ބިރުވެރި ފިލްމަކީ "ޗޯރީ" އެވެ. މިއީ 2016 ގައި ރިލީޒްކުރި މަރާޓީ ފިލްމު "ލަޕަޗައްޕީ" ގެ ރިމެކެކެވެ.

"ޗޯރީ" ވެސް ޑައިރެކްޓްކުރާނީ އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރި ވިޝާލް ފޫރިއާ އެވެ.

ނުޝްރަތު ބުނީ ފިލްމަށް ސޮއިކުރީ ބިރުވެރި ޖޯންރާއަކީ ވަރަށް ކަމުދާ އެއްޗަކަށްވެފައި އޭގެ ވާކަހަ ކަމުދިއުން ކަމަށެވެ. އަދި "ޗޯރީ" އެއްބަސްވި އަނެއް ސަބަބަކީ ޑައިރެކްޓަރު ފޫރިއާ އެކު މަސައްކަތްކޮށްލަން ބޭނުންވުން ކަމަށް ބުންޏެވެ.

"މި ފިލްމަކީ ވަރަށް ސޯޝަލް މެސެޖްތަކެއް ވެސް ދޭނެ ފިލްމެއް. އަދި ބެލުންތެރިންނާ ވަރަށް ރިލޭޓްވާ ކަހަލަ ވާހަކައެއް މީގައި އޮތީ،" ނުޝްރަތު ބުންޏެވެ.

"ޗޯރީ" ގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

ނުޝްރަތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝަލާންގް" އާއި "ހުރްދަންގް" ހިމެނެ އެވެ.