04 ޖޫން 2020 - 14:31

ޒިއުރިކް (ޖޫން 4) – ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އެ ޖަމިއްޔާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޔުއެފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އިންފަންޓީނޯ 2016 ވަނަ އަހަރު ފީފާގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ، ތުހުމަތުތަކާ ފިއްތުންތަކާ ގުޅިގެން ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ.
ފީފާގެ ރައީސްކަން 1998 އިން ފެށިގެން ކުރެއްވި ބްލެޓާ އަކީ، ފީފާގެ މުބާރާތްތައް ފުޅާކުރައްވައި، ފީފާ ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ފައިދާ ބޮޑު ކުޅިވަރު ހަރަކާތަށް ބަދަލުކުރެއްވި، އެ ޖަމިއްޔާގެ މައި ތަނބެކެވެ. އިންފަންޓީނޯ ވެސް އަންނަނީ މުބާރާތްތައް ފުޅާކުރައްވައި އާމްދަނީ އިތުރުކުރައްވަން މަސައްކަތްކުރައްވަމުންނެވެ. އެކަމަކު ބްލެޓާ ވަނީ އެކަންކަމަށް ފާޑުވިދާޅުވެފަ އެވެ.
"ޖިއާނީ އިންފަންޓީނޯ ބޭނުންވަނީ ފުޓްބޯޅަ، ބޮޑު ފައިސާ މެޝިނަކަށް ބަދަލުކުރަން. އޭނާ ބޭނުންވަނީ ހުރިހާ ކަމެއް ފުޅާކުރަން. (ބަލަމާ) 48 ޓީމުގެ ވޯލްޑް ކަޕެއް، ގޯލް ޕްރޮޖެކްޓުގެ ނަން ބަދަލުކުރީ، ތިން ގުނަ އިތުރު ފައިސާ ބޭނުންވާތީ. ބޮޑު ފީފާ ކްލަބް ވޯލްޑެއް ކަޕެއް 24 ޓީމާ އެކު. ވިމެންސް ވޯލްޑް ކަޕް 24 ޓީމުން 32 ޓީމަށް ބަދަލުކުރުން،" ސްވިޒަލެންޑުގެ ކީސްޓޯން-އޭޓީއެސްއާ ވާހަކަދައްކަމުން ބްލެޓާ ވިދާޅުވި އެވެ.
ބްލެޓާ ވިދާޅުވި ގޮތުގައި އިންފަންޓީނޯ ވަނީ، ބާރާއި ނުފޫޒަށް ބަނޑުހައިގެންފައި ކަމަށާއި އޭނާގެ ބޮޑާކަމުގައި މިހާރު އެސޯސިއޭޝަންތަކުގެ ރައީސުންނާ ވެސް ވާހަކަނުދައްކަވާ ކަމަށާއި ހަމައެކަނި ވާހަކަދައްކަވަނީ ގައުމުތަކުގެ ވެރިންނާ ކަމަށެވެ.
އިންފަންޓީނޯ ގެނައި އެންމެ ބޮޑު ބަދަލަކީ 32 ޓީމު ވާދަކުރަމުން އައި ވޯލްޑް ކަޕް 48 ޓީމު ބައިވެރިވާ ގޮތަށް އިތުރުކުރުން ހިމެނެ އެވެ. އެ ބަދަލު ފެންނާނީ 2026 ވަނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުންނެވެ. މީގެ އިތުރުން އިތުރުން މިހާރު އާދައިގެ ގޮތަކަށް ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕް ރީބްރޭންޑްކޮށް 24 ޓީމަށް ވާދަކުރެވޭގޮތަށް 2021 ވަނަ އަހަރު ފަށަން ވަނީ ނިންމައިފަ އެވެ.