ކޮވިޑް-19ގެ ސަބަބުން ރިސޯޓުތަކުގެ 22،000 ދިވެހި މުވައްޒަފުންގެ ދިރިއުޅުމަށް އަސަރުކުރި
ކޮވިޑް-19ގެ ސަބަބުން ރިސޯޓުތަކުގެ 22،000 ދިވެހި މުވައްޒަފުންގެ ދިރިއުޅުމަށް އަސަރުކުރި

ކޮވިޑް-19އާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 22،000 ދިވެހި މުވައްޒަފުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރި ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކުރާ އަސަރު ދެނެގަތުމަށް ޔޫއެންޑީޕީއާ ގުޅިގެން ސަރުކާރުން ކުރި މި ދިރާސާ އިން ދެއްކި ގޮތުގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް 45،000 ރިސޯޓު މުވައްޒަފުންނަށް ވަނީ އަސަރު ކޮށްފަ އެވެ. އަދި ފްރިލާންސަރުންނާއި ރިސޯޓުތަކާ ގުޅިގެން ވިޔަފާރި ކުރާ ގިނަ ބަޔަކަށް ވެސް ކޮވިޑް-19ގެ ސަބަބުން އަސަރު ކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރިސޯޓު މުވައްޒަފުންގެ ތެރެއިން އެންމެ ގިނައިން ވަޒީފާ އިން ވަކިކޮށްފައިވަނީ ޕްރޮބޭޝަންގައި ތިބި މުވައްޒަފުންނާއި ޒުވާނުންނެވެ. ރިސޯޓު މުވައްޒަފުންނަށް ޖޮބް ސެކިއުރިޓީި ކަށަވަރު ނުކުރެވެނީ ރިސޯޓުތައް އަލުން ހުޅުވައި ނޯމަލް އޮޕަރޭޝަނަކަށް ދިއުމަށް ލަފާކުރި މުއްދަތު ދިގު ދެމިގެން ދާނެތީ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާއިރު ގިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭގައި ފޮނުވުމުގެ ސަބަބުން އޭޕްރިލް، މެއި އަދި ޖޫން މަހު އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި މުސާރަ ކުޑަކުރި މުވައްޒަފުންނަށް އާއްމުކޮށް މި ތިން މަސް ދުވަހުގެ ތެރޭގައި ލިބޭ އާމްދަނީގެ 60 ޕަސެންޓު މި އަހަރު ނުލިބޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އެ ރިޕޯޓުގައި ވަނީ މި ހާލަތުން އަރައިގަނެ ވަޒީފާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭނެ ކަންތައްތައް ވެސް ހިމަނައިފަ އެވެ. އެގޮތުން، އިންޑަސްޓްރީގެ މީހުންނާއި ސަރުކާރު ގުޅިގެން ޓޫރިޒަމް އިއާދަކުރަން ޕްލޭން ތައްޔާރު ކުރުމާއި ބައިނަލްއަގުވާމީ އެކި ފެންވަރުގައި ނަގާފައިވާ އެންމެ ރަނގަޅު ފިޔަވަޅުތަކަށް ބަލައި ޓޫރިޒަމް ދާއިރާގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށް ވަނީ ލަފާދީފަ އެވެ.

މީގެ އިތުރުން ވަޒީފާ ނެތި ހޭދަކުރާ މުއްދަތުގައި ޓްރެއިނިން އާއި ކޯޗިން އަދި ސައިކޯސޯޝަލް ސަޕޯޓު ދިނުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ. އަދި ލޭބާ ގަވާނެންސް އުސޫލުތަކަށް ބަދަލު ގެނައުމަށާއި ލޭބާ މާކެޓުގެ ހިދުމަތް ހަރުދަނާ ކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.