މުންކޮ ބުނަނީ "ގެއްލުނީމާ" ނުގެއްލޭ ކަމަށް
މުންކޮ ބުނަނީ "ގެއްލުނީމާ" ނުގެއްލޭ ކަމަށް

ކާމިޔާބު ތިއޭޓަ ޕްލޭތަކެއް މީގެ ކުރިން ގެނެސް ދީފައިވާ މުހައްމަދު މުންތަސިރު (މުންކޮ) ފީޗާ ފިލްމެއް ޑައިރެކްޓު ކުރަން ފެށިކަން އެނގުނު ހިސާބުން ވެސް ވަރަށް ގިނަ ބަޔަކު ތިބީ އެ ފިލްމެއް ފެންނާނެ އިރެއްގެ އިންތިޒާރުގަ އެވެ.

"ގެއްލުނީމާ" ގެ ނަމުގައި، ކަނޑުމަތީގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމުގެ ދެ ޓީޒާއެއް މިދިޔަ އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ދައްކައި ވެސް ލި އެވެ. އަދި ފިލްމުގެ ތީމް ލަވަ މިދިޔަ އަހަރު ލޯންޗްކޮށްފައިވެ އެވެ.

އެއާ އެކު މި ފިލްމް ބަލާލުމުގެ ޝައުގުވެރިކަން އޮތް މީހުންގެ ސުވާލަކަށްވީ ފިލްމް ސިނަމާ އަށް އަންނާނީ ކޮން އިރަކުންތޯ އެވެ؟

ކުރިން މީގެ މަސައްކަތް ދިޔަ ގޮތުން ނަމަ މިދިޔަ އަހަރާއި މި އަހަރަކީ ވެސް "ގެއްލުނީމާ" ސްކްރީނަށް އަންނާނެ ކަމަށް އުންމީދު ކުރެވުނު އަހަރަކަށްވި އެވެ. އެކަމަކު އެހެނެއް ނުވި އެވެ.

އެހެންވެ މިހާރު އެންމެ ބޮޑު ސުވާލަކީ "ގެއްލުނީމާ" ސްކްރީނަށް ނުގެނެވި ގެއްލުނީ ހެއްޔެވެ؟ ފިލްމަށް ވީ ކިހިނެއް ބާވަ އެވެ؟

އެ ސުވާލުތަކަށް މުންކޮ ދޭން އޮތް ޖަވާބަކީ ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑު ޖެހިފައިވާ ވާހަކަ އެވެ.

"ހަގީގަތުގައި މީގެ ވާހަކަ މި ވަގުތަށް ދައްކާކަށް ވެސް ބޭނުމެއް ނޫން،" ފަފޯމިން އާޓްސް ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މުންކޮ ބުންޏެވެ. "އެހެން ނަމަވެސް ބުނެލަން އޮތް ވާހަކައަކީ ފިލްމުގެ މަސައްކަތް އެއްކޮށް ހުއްޓާލީކީ ނޫނޭ. މީތި ފެންނާނެ."

"ބުޅާ" އާއި "އިލް ނޮއިސް" ފަދަ ސްޓޭކް ޕްލޭތައް ގެނެސް ދީފައިވާ ހުނަރުވެރިޔާ ބުނީ "ގެއްލުނީމާ" ގެ މަސައްކަތް ހުއްޓިފައި އޮތީ "ޕާސަނަލް ރީޒަންތަކަކާ ހެދި" ކަމަށެވެ.

"ގެއްލުނީމާ" ގެ މަސައްކަތް މަޑު ޖެހުނު އިރު، ފިލްމުގެ ވަރަށް ބޮޑު ބައި ވަނީ ޝޫޓްކޮށް ނިންމައިފަ އެވެ. އަދި އިތުރަށް ނަގަން ޖެހޭ މަންޒަރުތަކެއް ވެސް އެބަ ހުއްޓެވެ.

މުންކޮ ބުނީ ފިލްމް އަދިވެސް ވަރަށް ބޮޑަށް ދިގުލައިގެން ހިނގައި ދާނެ ކަމަށެވެ.

މީގެ ސަބަބުން ފިލްމު ޒަމާނުން "ކައްސައި ވެސް ލާނެ" އެވެ. އެގޮތުން ބަލާ ނަމަ ފިލްމް ދިގުލައިގެން ގޮސް، އަހަރުތަކެއް ފަހުން ރިލީޒްކޮށްފި ނަމަ، ފިލްމުގެ ކާސްޓުންގެ ސިފަ އަށް ބަދަލުތަކެއް އައިސް "ޒަމާނަށް ނުފެތޭ" އައިބު ގޮތެއް ހުރެދާނެ އެވެ.

"އެހެންވެ މީތި ފަހަރުގައި ޖެހިދާނެ އަލުން ރިޝޫޓް ކުރަން ވެސް،" ފިލްމް ރިލީޒް ކުރެވޭނެ ދުވަހެއް ބުނަން ވަރަށް ދަތިކަން ފާހަގަކޮށް މުންކޮ ބުންޏެވެ.

"ގެއްލުނީމާ" ގެ ވާހަކަ އާއި މީގެ ކާސްޓުން މިހާތަނަށް އޮތީ ސިއްރު ކުރެވިފަ އެވެ. އެހެންވެ ފިލްމާ ބެހޭ މާ ބޮޑު ތަސައްވުރެއް އަދި ބެލުންތެރިންނަކަށް ނެތެވެ.

އެކަމަކު މުންކޮގެ އުފެއްދުމަކަށްވާތީ ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރު ކުރަނީ ވެސް ފެންވަރު ރަނގަޅު، މޮޅު އެއްޗަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. އެ އިތުބާރު މުންކޮ އާ ދޭތެރޭ އޮތީމަ އެވެ.

"މި ވަގުތަށް އަހަރެން ބުނެލަން ބޭނުން ވަނީ ފިލްމް ފެންނާނޭ. އެކަމަކު ފެންނާނެ އިރެއް ބުނަން ވަރަށް ދަތި. މިސާލަކަށް އަންނަ އަހަރު ރިލީޒް ކުރާނަމޭ، އެކަހަލަ އެއްޗެއް ވެސްް މި ވަގުތު ބުނެވެން ނެތީ. އެގޮތަށް ބުނެފިއްޔާ އަނެއްކާ ވެސް މިއަށް އިންތިޒާރު ކުރާ މީހުން ހަމަ އިންތިޒާރުގައި ތިބެން ޖެހޭނީ،" މި ދުވަސްކޮޅު އަމިއްލަ އެހެން މަސައްކަތްތަކެއްގައި ބިޒީކަން ފާހަގަކޮށް މުންކޮ ބުންޏެވެ.