އުމުރުން 92، އަނބިންގެ އަދަދު 97
އުމުރުން 92، އަނބިންގެ އަދަދު 97

ނައިޖީރިޔާ މީހެއް ކަމަށްވާ މުހައްމަދު ބެއްލޯ އަބޫބަކުރަކީ އިސްލާމްދީން މާ މޮޅަށް އެނގޭ ކަމަށް ބުނާ މީހެކެވެ. އުމުރުން 92 އަހަރުގެ މި މީހާ މަރުވެއްޖެ ކަމަށް މި ދެ ދުވަހު ޚަބަރު ފެތުރުމާ ގުޅިގެން މި މީހާ ވަނީ އޭނާ މަރުނުވާ ކަމަށާއި ގަދަ ސަލާމަތުން އެބަހުރި ކަމަށް ބުނެ ނޫސްތަކަށް މައުލޫމާތު ދީފަ އެވެ.

އުމުރުން 92، އަނބިންގެ އަދަދު 97
އުމުރުން 92، އަނބިންގެ އަދަދު 97

މި މީހާގެ ވާހަކަ ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ 2008 ގެ އޮގަސްޓް މަހު ބީބީސީން ގެނެސްދިން ރިޕޯޓަކަށް ފަހުގަ އެވެ. އޭރު މި މީހާގެ ތިބީ 86 އަނބިންނެވެ. އޭނާ ވަނީ މި ރިޕޯޓު ތައްޔާރުކުރި ނޫސްވެރިންނަށް އޭނާގެ ގޭތެރޭގެ ކަންތައްތައް ހުންނަ ގޮތް ވެސް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އަދި މިކަން މިކުރަނީ ކަލާންގެ އަމުރު ފުޅަށް ކަމަށް އެމީހާ ބީބީސީ ނޫސްވެރިން ގާތު ބުނެފައިވެ އެވެ.

އުމުރުން 92، އަނބިންގެ އަދަދު 97
އުމުރުން 92، އަނބިންގެ އަދަދު 97

މީނާ އަށް ވަހީ ބާވާލައްވާ ކަމަށް ދައުވާކޮށް އިސްލާމްދީނުގެ ހުކުމްތައް އޭނާ އަށް ފެންނަ ގޮތަކަށް މީހުންނަށް ބުނެދެމުން އަދި އެގޮތަށް އަމަލުކުރަމުންދެ އެވެ.

އާމްދަނީއެއް ހޯދަން އެއްވެސް މަސައްކަތެއް ނުކުރާ މި މީހާއަށް ނައިޖީރިޔާގެ އިސްލާމިކް އޮތޯރިޓީން ވަރަށް ގިނައިން އިންޒާރު ވެސް ދެ އެވެ.

މިހާރު 185 ދަރިން ތިބި މި މީހާ ރިޕޯޓަރުން ގާތު ބުނީ އޭނާ މަރުވެއްޖޭ ކިޔައިގެން ދޮގު ޚަބަރުތައް ފަތުރަމުންދާ ކަމަށެވެ.

"އަހަރެން މިހިރީ ގަދަވެ ސަލާމަތުން. މިކަހަލަ ދޮގު ޚަބަރުތައް ފަތުރަނީ އަދާވާތްތެރިވެގެންއުޅޭ މީހުން،" ނައިޖީރިޔާގެ ވެންގާޑް ނޫހަށް އެމީހާ ބުނެފައިވެ އެވެ.

ބެލޯ މިހާތަނަށް 107 މީހުންނާ އިނދެފި އެވެ. އޭގެ ތެރެއިން 10 މީހުން ވަނީ މަރުވެފަ އެވެ. އެހެންކަމުން މިހާރު އޭނާގެ އަނބިންގެ ގޮތުގައި ތިބީ 97 މީހުންނެވެ.

އިސްލާމްދީނުގެ ހުކުމްތަކުގައިވާ ގޮތުން ފިރިހެނަކަށް އެންމެ ގިނައިން ވެސް ކައިވެނި ކުރެވޭނީ އެއްފަހަރާ ހަތަރު އަނބިންނާ ކަމަށް އިލްމުވެރިން އިއްތިފާގު ވެއެވެ.

ބެލޯ ކީރިތި ގުރުއާނުގެ އާޔަތްތަކުގެ މާނަ ނުބައިކޮށް ކިޔައިދޭތީ ނައިޖީރިޔާގެ ކޯޓަކުން 2008 ވަނަ އަހަރު މި މީހާ ހައްޔަރުކުރަން އަމުރުކުރި އެވެ. އަދި 2008 ނޮވެމްބަރު މަހާ ހަމައަށް މިމީހާ ޖަލަށް ލާފައި ވެސް ހުއްޓެވެ. އޭނާ ޖަލުން މިނިވަންކުރީ 86 އަނބިންގެ ތެރެއިން ހަތަރު އަނބިން ފިޔަވައި އެހެން އެންމެން ވަރިކުރަން ޝަރުތުކޮށްފަ އެވެ. ނަމަވެސް ޖަލުން ސަލާމަތްވުމާ އެކު މި މީހާ ކޯޓުގެ އަމުރަށް ގޮންޖެހި އެވެ. އަދި އިތުރަށް މީހުންނާ ކައިވެނި ކުރުން ވެސް ހުއްޓައެއް ނުލަ އެވެ.

މިއީ ބެލޯ މަރުވި ކަމަށް އަޑު ފެތުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. ޖޫން 2012 ގައި ވެސް މިކަހަލަ ޚަބަރުތައް ފެތުރުނެވެ.

"އަހަރެންގެ އަނބިން އެހާ ގިނަތަ؟ އަދި އެންމެ 97 އަނބިން ތިބީ. އަދި އިތުރަށް ވެސް ކައިވެނިކުރާނަން. އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު ކައިވެނި ކުރުމަށް ހުއްޓުމެއް ނާންނާނެ،" ބެލޯ ބުނެފައިވެ އެވެ.