އަންނަ ހަފުތާގެ ހަތަރު ދުވަހު ބޭންކްތައް ހުޅުވާނެ
އަންނަ ހަފުތާގެ ހަތަރު ދުވަހު ބޭންކްތައް ހުޅުވާނެ

އަންނަ ހަފުތާގައި ބޭންކްތައް ހަތަރު ދުވަހު ހުޅުވާނެ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ އަންނަ ހަފުތާގެ އާދިއްތަ ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ވެސް މި މަސް ނިމެންދެން ބޭންކްތަކުގެ ހިދުމަތްތައް ހެނދުނު 9:30 އިން 2:00 އަށް ލިބޭނެ ކަމަށެވެ.

އެމްއެމްއޭ އާއި ބޭންކްތައް ހުޅުވާ ދުވަސްތައް އިތުރުކޮށްފައިވާ އިރު ލޮކްޑައުންގެ ހާލަތަށް ސަރުކާރުން ދީފައިވާ ލުއިތަކާ އެކު ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތްތަކާއި ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ހިދުމަތްތައް ވެސް އަންނަ ހަފްތާގެ އަންގާރަ އިން ފެށިގެން ލިބޭނެ އެވެ. މާލެ ލޮކްޑައުން ކުރުމާ އެކު އެމްއެމްއޭއިން ދޭ އެ ހިދުމަތްތައް އޮތީ މަޑުޖައްސާލައިފަ އެވެ.

އެގޮތުން ޖޫން މަހުގެ 16 ވަނަ ދުވަހުން މިމަހުގެ ނިޔަލަށް މި ހިދުމަތްތައް ދޭނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އާއި ބުރާސްފަތި ދުވަހު އެވެ. ހިދުމަތްތައް ހޯދުމަށް އެދި އެ އޮތޯރިޓީގެ ނަންބަރު 7919292 އަށް ހިދުމަތް ހޯދަން އަންނަ މީހުންގެ އައިޑީ ކާޑު ނަންބަރާއި ނަމާއި ދިރިއުޅޭ އެޑްރެސް، ގުޅޭނެ ނަންބަރު އަދި ހޯދަން ބޭނުންވާ ހިދުމަތްތެއް ޖެހުމަށް ފަހު އެސްއެމްއެސް ނުވަތަ ވައިބާ މެދުވެރިކޮށް ފޮނުވަންޖެހެ އެވެ.

މިގޮތަށް ފޮނުވުން މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ހުއްދަ ހޯދައިދޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެމްއެމްއޭއިން މި ހުއްދަ ހޯދުމަށް ފަހުގައި އަންނާނެ ދުވަހެއް އަދި ވަގުތެއް އެ މީހަކަށް އަންގާނެ އެވެ. ހިދުމަތް ހޯދަން އަންނަ އިރު ރައްކާތެރިކަމުގެ ވިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށް އެ އޮތޯރިޓީން އެދެ އެވެ.

އެމްއެމްއޭ އާއި ބޭންކްތަކުގެ ހިދުމަތް ދުވަސްތައް އިތުރުކޮށްފައިވާ އިރު މިދިޔަ ދެ ހަފްތާގައި ބޭންކްތަކުން ހިދުމަތް ދިނުމުގައި ލުއިތަކެއް ދީފައިވެ އެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން އޮންލައިންކޮށް ހިދުމަތް ދިނުމަށްފަހު އެޕޮއިންޓްމެންޓް ހައްދައިގެން ބޭންކްތަކުގެ އޮފީސްތަކަށް ގޮސް ހިދުމަތް ލިބޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.