10 ޖޫން 2020 - 09:05

ކޮވިޑް-19 ޖެހި ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުން ވަރަށް ނާދިރު ކަމަށް ބުނެ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) އިން ވާހަކަ ދެއްކިތާ އެއް ދުވަސް ނުވަނީސް އެ ވާހަކަ ބަދަލުކޮށްފި އެވެ.
ބަލީގެ އަލާމާތް ނެތް މީހުންގެ ފަރާތުން އެހެން މީހުންނަށް ކޮވިޑް-19 ޖެހޭ ކަމަށް އެތައް ދިރާސާއެއްގައި ބުނެފައި ވަނިކޮށް، ޖެނީވާގައި ބޭއްވި ޑަބްލިޔު.އެޗް.އޯގެ ޕްރެސް ބްރީފިންގައި އެ ޖަމިއްޔާ އިން ކޮވިޑް-19 ގެ ކަންކަމަށް ހާއްސަކޮށްފައިވާ ޓެކްނިކަލް ޓީމުގެ ވެރިޔާ މަރީއާ ވެން ކެކޯފް ވިދާޅުވެފައިވަނީ ކޮވިޑް-19 ޖެހި ބަލީގެ އަލާމާތް ނުހުންނަ މީހުން ބަލިވަނީ ވަރަށް ކުޑަކޮށް ކަމަށާއި އެހެން މީހަކަށް ބަލި ޖެހެނީ އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ، ކެއްސުމާއި ކިނބިހި އެޅުން ފަދަ ކަންކަމުގެ ސަބަބުން ބޭރުވާ ކުޅުތިކިތަކުން ކަމަށެވެ.
ވެން ކެކޯފް އެ ޕްރެސް ކޮންފަރެންސްގައި މިގޮތަށް ވިދާޅުވީ އަދި ހާމަކޮށްފައިނުވާ ދިރާސާތައް އެބަހުރި ކަމަށް ވިދާޅުވެ އެއާ ހަވާލާދެއްވަ އެވެ.
ވެން ކެކޯފް މިގޮތަށް ވާހަކަ ދެއްކެވުމާ ދުނިޔޭގެ މަޝްހޫރު ސިއްހީ ތަޖުރިބާކާރުންގެ ފާޑުކިޔުން އަމާޒުވެ ކޮވިޑް-19 އާ ބެހޭ ގޮތުން ޑަބްލިޔު.އެޗް.އޯ އަށް ކުރާ ތުހުމަތުތައް އިތުރުވެގެން ދިޔަ އެވެ. އެހެންވެ ވެން ކެކޯފް އިއްޔެ ވަނީ އޭނާ ދެއްކެވި ވާހަކަ އިތުރަށް ސާފުކޮށްދެއްވުމަށް ސުވާލާއި ޖަވާބުގެ ސެޝަނެއް ބާއްވަވައިފަ އެވެ.
ފާޑުކިޔުންތަކާ ގުޅިގެން ވެން ކެކޯފް ވިދާޅުވީ ކޮވިޑް-19 ޖެހި ބަލީގެ އަލާމާތް ނުހުންނަ މީހުންގެ ފަރާތުން ބަލި ފެތުރޭ ރޭޓް އަދި ކަށަވަރުނުވާ ކަމަށެވެ.
"އަހަރެމެންނަަށް މިހާތަނަށް އެނގެން އޮތީ ބަލި ޖެހުނު ގިނަ މީހުންނަށް ބަލި ޖެހުނީ ވައިރަސް ހުރި ކުޅު ފަދަ [ތެތްކަމުގެ] ސަބަބުންކަން،" ވެން ކެކޯފް ވިދާޅުވި އެވެ. "އެކަމަކު ބަލި ޖެހުނަސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ވެސް އެބަ އުޅޭ. އެއީ ކިހާ މީހުންނެއް ކަމެއް ހަގީގަތުގައި އަދި ހޯދިފައެއް ނުވޭ. ހަގީގަތަކީ އަދި އެކަމަށް ޖަވާބެއް ނެތްކަން."
ކޮވިޑް-19 ޖެހި ބަލީގެ އަލާމާތް ނެތް މީހުންގެ ފަރާތުން ބަލި ފެތުރުން ނާދިރު ކަމަށް ވެން ކެކޯފް ދެއްކެވި ވާހަކަތަކާ ހެދި އާންމުންނަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާނުން އެންމެ ފުރަތަމަ ފާހަގަވި ކޮވިޑް-19 މިހާތަނަށް މުޅި ދުނިޔެ އިން ހަތް މިލިއަން ވުރެ ގިނަ މީހުންނަށް ޖެހިފައި ވާއިރު އޭގެ ތެރެއިން ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 3.6 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މި ވަގުތަށް ބަލާއިރު ބަލި ޖެހިފައި ތިބި މީހުންނަށް ވުރެ ގިނައީ ބަލިން ރަނގަޅުވެފައިވާ މީހުންނެވެ. ބަލި ޖެހިފައި މިވަގުތު ތިބީ 3.3 މިލިއަން މީހުންނެވެ.