13 ޖޫން 2020 - 14:44

ރާއްޖޭގެ އެންމެ ބޮޑު ރަށް ، ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯތި ލިބިވަޑައިގެން ގޮތާ މެދު އެތައް ބަޔަކު ސުވާލު އުފެއްދުމުން އެ ގޯތި ދޫކޮށްލައްވަން އެންމެ ފަހުން އޭނާ ނިންމަވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ރަށުން، ގާތްގަނޑަކަށް 12 އަހަރު ފަހުން، 400 ގޯތި ދޫކުރަން ނިންމައި އޭގެ ވަގުތީ ލިސްޓް އިއްޔެ އާންމުކުރި އިރު ޖީހާނަށް 71 ޕޮއިންޓް ލިބިވަޑައިގަތެވެ. އެކަމަކު އޭގެ ތެރެއިން 10 ޕޮއިންޓަކީ އެރަށުގައި ދިރިއުޅޭ މީހުންނަށް ހާއްސަކުރި ޕޮއިންޓެވެ. ފިރިކަލުންގެ ރަށަކީ ގަން ނަމަވެސް ޖީހާން ދިރިއުޅުއްވަނީ މާލޭގައި ކަމަށް ވެފައި އެބައިން 10 މާސްކްސް ލިބިވަޑައިގަތުމަކީ، މައްސަލަ ނެގި މީހުން ބުނާ ގޮތުގައި، އުސޫލާ ހިލާފަށް ކޮށްފައި އޮތް ކަމެކެވެ.
ދިހަ ޕޮއިންޓް އުނިކޮށްފި ނަމަ ޖީހާން އަސް ލިބިވަޑައިގަންނަވާނީ 61 ޕޮއިންޓެވެ. އެ މިންވަރުން ގޯތި ލިބިވަޑައެއް ނުގަންނަވަ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ ގޯތި ދޫކޮށްލައްވަން ނިންމެވީ "ގޯތި ލިބުނު ގޮތާ މެދު ސުވާލު އުފެދުމުން" ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ރަށުގައި އުޅޭ މީހުންނަށް ހާއްސަ ޕޮއިންޓް އޭނާއަށް ލިބިވަޑައިގަތް ސަބަބު އެނގިވަޑައެއް ނުގަންނަވަ އެވެ.
އޭނާ ކުރިމަތިލެއްވީ ގަމުގައި ދިރިނޫޅޭ މީހުންގެ ކެޓަގަރީ އަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އިންސާފުން ބޭރުން ފެން ތައްޓެއް ވެސް ބޯކަށް. އެހެންވީމަ ސުވާލު އުފެދޭ ކަމެއް އޮށްވައި އަޅުގަނޑު އެއްޗެއް ބޭނުމެއް ނޫން،" ޖީހާން ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން ރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭ ޕޮއިންޓްސް އަޅުގަނޑަށް ލިބިގެން ނުވާނެ. ސުވާލު އުފެދޭ ކަމަކަށް ވާތީ އަޅުގަނޑުގެ އެޕްލިކޭޝަން ބާތިލް ކުރުމަށާއި އެކަން ހިނގި ގޮތް ސާފުކުރަން ވެއްޖެ ކައުންސިލަށް ސިޓީއެއް ފޮނުވާފައި ރޭގައި. އަދި ޖަވާބެއް ނުލިބޭ."
ޖީހާން ވިދާޅުވި ގޮތުގައި 13 އަހަރާއި އަށް އަހަރުގެ ދެ ކުދިން ވެސް ރަޖިސްޓްރީ ކޮށްފައި އޮންނަނީ ގަމުގަ އެވެ. އެހެންކަމުން ރަށުން ބޭރުގައި ދިރިއުޅޭ މީހުންގެ ކެޓަގަރީން 2،000 އަކަފޫޓްގެ ގޯއްޗަކަށް ހުށައެޅުއްވި އިރު ޝަރުތު ހަމަވާކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ދަރިންގެ ސެކިއުރިޓީއަކަށް އަސްލު ގެއެއް ހޯދަން ބޭނުންވީ. ލީއިރު ވެސް އެނގޭ ލިބޭނެކަން. ބެޗްލާސް އަށް ވެސް، މާސްޓާސް އަށް ވެސް މާސްކް ދޭއިރު ލިބޭނެ. ރަށު މީހަކާ އިނދެގެން އުޅޭތީ އެ ބައިން ވެސް ލިބޭ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހުރުން ނޫން ހުރިހާ ބަޔަކުން މާސްކްސް ލިބޭ،" ޖީހާން ވިދާޅުވި އެވެ.
- ގޯތީގެ ބައިން 25 ޕޮއިންޓް
- ކައިވެނީގެ ބައިން 12 ޕޮއިންޓް
- އުމުރުން 31 އަހަރުން މަތީގެ ބައިން ހަތް ޕޮއިންޓް
- ދަރިންގެ ބައިން 12 ޕޮއިންޓް
- ގަމުގައި ދިރިއުޅޭ ބައިން 10 ޕޮއިންޓް
- މަތީ ތައުލީމްގެ ބައިން ފަސް ޕޮއިންޓް
އޭނާ ވިދާޅުވީ ޕޮއިންޓް އިތުރުކުރަން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ.
ޝަރުތުތަކަށް ބައްލަވައި އަމިއްލައަށް ހިސާބު ހެެއްދެވިއިރު 78 ޕޮއިންޓާއި 80 ޕޮއިންޓާ ދެމެދުން ލިބިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖީހާންގެ އުފަން ރަށް ހިންނަވަރާއި މާލޭގައި ވެސް އޭނާގެ ގެއެއް ނެތެވެ.
ގަމުން ދޫކުރާ 2،000 އަކަފޫޓުގެ 400 ގޯއްޗަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.