14 ޖޫން 2020 - 13:44

އެޓްލާންޓާ (ޖޫން 14) - އެމެރިކާގެ ޖޯޖް ސްޓޭޓުގެ ވެރިރަށް އެޓްލާންޓާގައި ކަޅު ނަސްލަށް ނިސްބަތްވާ މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި މަރާލި ހާދިސާއާ ގުޅިގެން އެ ސިޓީގެ ފުލުހުންގެ ވެރިޔާ އެރިކާ ޝީލްޑްސް އިސްތިއުފާ ދެއްވައިފި އެވެ.
ޓޭކްއަވޭ ރެސްޓޯރެންޓެއްގެ ބޭރުން ކަޅު ނަސްލުގެ މީހެއް ކަމަށްވާ 27 އަހަރުގެ ރޭޝާޑް ބްރޫކްސް ހައްޔަރު ކުރަން ދެ ފުލުހަކު މިދިޔަ ހުކުރު ދުވަހު މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ބްރޭކްސް ވަނީ ފުލުހެއްގެ ޓޭޒާ ގަން އަތުލައިގެން ފިލަން ދުއްވައިގެންފަ އެވެ. އެ ވަގުތު އަނެއް ފުލުސް މީހާގެ ޓޭޒާ ބޭނުން ކުރެ އެވެ. އާއްމުވެފައިވާ ވީޑިއޯތަކުން ދެން އިވެނީ ބަޑީގެ އަޑެވެ. ބްރޫކްސް މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
ބްރޫކްސްގެ މަރާ ގުޅިގެން އެޓްލާންޓާގައި ވަނީ މުޒާހަރާތައް ކުރަން ފަށައިފަ އެވެ. މި ހާދިސާ ހިނގާފައި މި ވަނީ އެމެރިކާގައި ކަޅު ނަސްލަށް ނިސްބަތްވާ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑު މިނިއާޕޮލިސްގެ ފުލުހުން މެއި 25 ވަނަ ދުވަހު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ފުލުހަކު ކަކުލުން އަރައި މަރާލި މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
އެޓްލާންޓާ ޕޮލިސް ޑިޕާޓްމަންޓުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ޝީލްޑްސް، އެ ސްޓޭޓުގެ ފުލުހުންގެ ވެރިޔާގެ މަގާމާ ހަވާލުވެފައި ވަނީ ޑިސެމްބަރު 2016 ގަ އެވެ.
ބްރޫކްސް ގަޔަށް ބަޑި ޖެހި ފުލުސް މީހާ މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަނެއް ފުލުސް މީހާ ވެސް ވަނީ ޒިންމާތަކުން އެކަހެރިކޮށްފަ އެވެ.
ބްރޫކްސްގެ މަރުގެ ޖޯޖިއާ ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.