19 އޮކްޓޯބަރ 2016 - 12:12

މި ސަރުކާރަށް ވެރިކަން ދެމެހެއްޓެން އޮތީ ސިޔާސީ ލީޑަރުން ޖަލު ގޮޅިއަށް ލައިގެން ކަން، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އިން ވެސް އެނގޭ ކަމަށް ބުނެ އަދާލަތު ޕާޓީން ސަރުކާރަށް ފާޑުކިޔައިފި އެވެ.

އިދިކޮޅު ޕާޓީތަކުން މެއި، 1، 2015 ގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރުން ކުށްވެރިކޮށް އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ލީޑަރު ޖަލަށް ލައިގެން ނޫން ގޮތަކަށް ވެރިކަން ނުކުރެއްވޭނެ ކަން ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ވެސް ގަބޫލުކުރައްވާ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި މޭޑޭގެ މުޒާހަރާ ބޭއްވީ ސަރުކާރުގެ އެތެރޭގައި ހިނގަމުން ދިޔަ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ޖަރީމާތަކާ ދެކޮޅަށް ކަމަށް ބަޔާނުގައިވެ އެވެ. މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ، އަލީ ވަހީދުގެ މައްޗަށް ދައުވާ މިކުރީ، އެ މުޒާހަރާއާ ގުޅިގެން އިމްރާންގެ މައްޗަށް ހިންގި ލަދުވެތި، ދެކޮޅު ނުޖެހޭ އަދި އަދުލު އިންސާފުގެ ކަންފުޅެއް ވެސް ނެތް ޝަރީއަތާ މެދު ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް އިންތިހާ އަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައި ކަމަށް ބަޔާނުގައިވެ އެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން އިމްރާނާއި ސިޔާސީ އެހެން ލީޑަރުން ގޮވަމުން ދިޔަ ކަންކަމަކީ ހަގީގީ ބޮޑެތި މައްސަލަތައް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ހާމަވެ ފަޟީހަތްވެފައިވާ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.
"..ހަމަ އެ މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަކީ މިނިވަން މުއައްސަސާތަކާއި މިނިވަން މުސްތަގިއްލު މަގާމްތަކުގައި ތިބި މީހުން ރައީސް ޔާމީންގެ އަޅުވެތިކަން ރަސްމީކޮށް ގަބޫލުކޮށްފައިވާ ކަމެއް ކަން ހާމަވާކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި އަނިޔާވރިކަމާއި ބޭއިންސާފަކީ އެއްވެސް މިންވަރަކަށް އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫނެވެ.
އަލީ ވަހީދުގެ މައްޗަށް ދައުވާކުރަނީ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ. އެ މުޒާހަރާއާ ގުޅިގެން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އޭނާ އަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.