ސެންޓާއި ކޮލޯން އަދި އޭގެ ވަސް ތަފާތުވާ ގޮތް
ސެންޓާއި ކޮލޯން އަދި އޭގެ ވަސް ތަފާތުވާ ގޮތް

"ފެހި ކޯލާޓަރު" އަކީ މީރުވަސް ދުވާ ސެންޓެއްގެ ގޮތުގައި މަޝްހޫރުވި ޒަމާނެއް ވެސް ދިޔަ އެވެ. އެއީ ފެހި ކުލައިގެ ކޮލޯން އަޅާފައި ހުންނަ، ހިމަ ދިގު ބައްޓަމަކަށް ހުންނަ ފުޅިއެކެވެ. ނަމަވެސް، މިހާރު ގިނަ ފިހާރަތަކުން އެކި ވަސް ދުވާ އެކި ފެންވަރުގެ ކޮލޯން އާއި ސެންޓު ފުޅި ލިބެން ހުރެ އެވެ. ކޮލޯން އާއި ސެންޓު ތަފާތެވެ.

ކޮލޯން އާއި ސެންޓުގެ މައިގަނޑު ހަތަރު ވައްތަރެއް ހުރެ އެވެ. އެއީ އޯ ޑެ ކޮލޯން، އޯ ޑެ ޓޮއިލޭޓް، ޕާފިއުމް އަދި އޯ ޑެ ޕާފިއުމް އެވެ. ގަޔަށް ޖެހުމުން ވަސް ހުންނަ ވަގުތު މިއިން ކޮންމެ ވައްތަރެއްގައި ވެސް ތަފާތެވެ.

ބަސްލް ވެބްސައިޓަށް ފްރެގްރަންސްގެ މާހިރު ޕެއްޓި ކަޕްލާ ދިން އިންޓަވިއުއެއްގަ ބުނެފައިވާ ގޮތުގައި ސެންޓެއްގެ ވަސް ގިނައިރު ހުރުން ބިނާވަނީ އެއަށް އަޅާފައިވާ ތެޔޮ ނުވަތަ "ޖޫސް"ގެ މިންވަރުންނެވެ. ކަޕްލާ ބުނިގޮތުގައި އެންމެ ގިނައިން ތެޔޮ އަޅަނީ ޕާފިއުމްއަށެވެ. ދެން އެންމެ ގިނައިން ތެޔޮ އަޅާފައި ހުންނަނީ އޯ ޑެ ޓޮއިލޭޓް އަދި އޯ ޑެ ކޮލޯންގަ އެވެ.

ކަޕްލާ ބުނިގޮތުގައި އާއްމުކޮށް ޕާފިއުމްގައި 20 ޕަސެންޓަލީ ތެލެވެ. އަދި މިއީ ސެންޓުތަކުގެ ތެރެއިން އެންމެ ގިނައިން ތެޔޮ އަޅާފައި ހުންނަ ވައްތަރެވެ. ގިނައިން ތެޔޮ އަޅާފައި ހުރުމުގެ ސަބަބުން ޕާފިއުމްގެ ވަސް ހަތް ގަޑިއިރު ވަންދެން ހުންނާނެ ކަމަށް ކަޕްލާ ބުނެފައިވެ އެވެ. ނަމަވެސް އެކި މީހުންގެ ގައިގައި ވަސް ހުންނަ ވަގުތު ތަފާތު ވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އޯ ޑެ ޕާފިއުމް އަށް އާއްމުކޮށް ތެޔޮ އަޅާފައި ހުންނަނީ 10 އާއި 15 ޕަސެންޓާ ދެމެދުގަ އެވެ. މިކަހަލަ ސެންޓުގެ ވަސް ހުންނަނީ ހަތަރު ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދުގެ މިންވަރަކަށް ކަމަށް ކަޕްލާ ބަސްލްއަށް ބުނެފައިވެ އެވެ.

އޯ ޑެ ޓޮއިލޭޓްގެ 10 ޕަސެންޓަށް ތެޔޮ އަޅާފައި އާންމުކޮށް ވަސް ހުންނަނީ ތިން ގަޑި އިރު ވަންދެނެވެ.

ސެންޓުތަކުގެ ތެރެއިން އޯ ޑެ ކޮލޯން އަކީ އެންމެ އަގު ހެޔޮ ވައްތަރެވެ. އަދި އޯ ޑެ ކޮލޯންގައި ތެޔޮ އަޅާފައިވަނީ ފަސް ޕަސެންޓަށެވެ. ވީމާ އޭގެ ވަސް ހުންނަނީ ދެ ގަޑިއިރު ވަންދެނެވެ. ވީމާ ސެންޓު ފުޅިއެއް ގަތުމުގެ ކުރިން އޭގެ އެކި ވައްތަރުތައް ދެނެގަތުމުން ފަސޭހަވާނެ އެވެ.