15 ޖޫން 2020 - 14:26

ބެއިޖިން (ޖޫން 15) - ޗައިނާގެ ވެރިރަށް ބެއިޖިންގައި ދެ ވަނަ ރާޅެއްގެ ބިރު ބޮޑުވެފައި ވަނިކޮށް ކޮރޯނާވައިރަހަށް ޕޮޒިޓިވް ކޭސްތައް އަދިވެސް ދަނީ އިތުރުވަމުންނެވެ.
ހޮނިހިރު ދުވަހު ބެއިޖިން އިން 36 ކޭސް ޕޮޒިޓިވްވެފައި ވަނިކޮށް އާދިއްތަ ދުވަހު ވެސް ވަނީ ލޯކަލް ސްޕްރެޑުގެ 36 ކޭސް ފެނިފަ އެވެ.
ޗައިނާގެ ބޮޑު ވަޒީރުގެ ނައިބް ސުން ޗުންލަން ވަނީ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ. ނޫން ނަމަ ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ވަނީ އިންޒާރު ދީފަ އެވެ.
ބެއިޖިންގައި ވައިރަސް ފެތުރުން ގުޅިފައި ވަނީ އެންމެ ބޮޑު އެއް ހޯލްސޭލް މާރުކޭޓާ އެވެ. އެ މާރުކޭޓާ ކައިރީގައިވާ އިތުރު ޕްރޮވިންސްތަކުން ވެސް މިހާރު ވަނީ ބައްޔަށް ޕޮޒިޓިވްވާ މީހުން ފެންނަން ފަށައިފަ އެވެ.
ޗައިނާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އެ މާރުކޭޓަށް އިމްޕޯޓްކޮށްފައިވާ ސަލްމޮން، ކޮށި ކަޓިން ބޯޑަކުން ވައިރަސް ފެނިފައިވާ ކަމަށެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ބެއިޖިން އިން ފެނިފައި ވަނީ އެއް ކޭސް ކަމަށެވެ. އަދި ހުކުރު ދުވަހު ހަ ކޭސް އެވެ. ބެއިޖިން އިން ޕޮޒިޓިވް ކޭސްތައް ފެންނަން ފަށާފައި މި ވަނީ ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ފަހުންނެވެ.
ބެއިޖިން އިން ހޮނިހިރު ދުވަހު ފެނުނު 36 ކޭސް ވެސް ގުޅިފައި ވަނީ ޒިންފަދީ މާރުކޭޓާ އެވެ. ކޭސްތައް ފެންނަން ފެށުމާ އެކު އެ މާރުކޭޓް ބަންދުކޮށް، ކައިރީގައިވާ 11 އަވަށެއް ވަނީ ލޮކްޑައުންކޮށްފަ އެވެ.
ޗައިނާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ވިދާޅުވީ ބެއިޖިން އިން މިހާރު ފެންނަ ވައިރަހުގެ ޖެނެރިކް ވޭރިއަންޓް، ޗައިނާގެ އެހެން ހިސާބުތަކުގައި ފެތުރުނު ވައިރަސްއާ ތަފާތު ކަމަށެވެ. އެހެންވެ އެއީ އިމްޕޯޓެޑް އެއްޗެއް ކަމަށް އޭނާ ލަފާ ކުރެ އެވެ.
އާ ކޭސްތަކާ ގުޅިގެން މާރުކޭޓުގެ 10،000 ސްޓާފުން ޓެސްޓް ކުރަން ވަނީ ނިންމައިފަ އެވެ.