15 ޖޫން 2020 - 20:45

ބޭރު ގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ޕާކިސްތާނަށް މިއަދު 12،000 އަކަފޫޓުގެ ބިމެއް ދީފި އެވެ.

ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކުރީ ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާތަރް މުހްތާރު އެވެ.
ކުރީ ސަރުކާރުން ޕާކިސްތާނަށް އެމްބަސީ ހެދުމަށް 3،000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައި ވީ ނަމަވެސް، މި ސަރުކާރުން ވަނީ 12،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ.
ޕާކިސްތާން ސަފީރު މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިޕްލޮމެޓިކް އެންކްލޭވްގެ މެދުތެރެއިން 24،000 އަކަފޫޓުގެ ބިމެއް ރާއްޖެއަށް ދޭނެ ކަމަށެވެ.
ޑިޕްލޮމެޓިކް އެންކްލޭވުން ފުރަތަމަ ބިން ދޫކުރީ އިންޑިއާއަށެވެ. އެގައުމުން މިހާރު ވަނީ އެތަނުގައި އެމްބަސީގެ އިމާރާތުގެ ބިންގާ ވެސް އަޅައިފަ އެވެ. އޭގެ ފަހުން ޗައިނާ އާއި ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ވެސް އެމްބަސީ އަޅަން ސަރުކާރުން ވަނީ ބިން ދޫކޮށްފަ އެވެ.
ބޭރު ގައުމުތަކުގެ އެމްބަސީ އަޅަން ސަރަހައްދެއް ކަނޑައެޅީ އެއް ތަނެއްގައި އެމްބަސީތައް ހުރުމުން ސަލާމަތީ ކަންތައްތައް ބަލަހައްޓަން ފަސޭހަވާނެތީ އާއި މާލޭގެ ތޮއްޖެހުން ކުޑަކުރަން ކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.