18 ޖޫން 2020 - 07:53

ބުލީކޮށް ކެރިއަރު ހަލާކުކޮށްލީ ސަލްމާން ޚާންގެ އާއިލާ އިން ކަމަށް ބުނެ ޑައިރެކްޓަރު އަބިނާވް ކެޝަޕް ފޭސްބުކްގައި ލިޔުނު ވާހަކަތަކަކާ ގުޅިގެން އޭނާއާ ދެކޮޅަށް ސަލްމާންގެ އާއިލާ އިން ދައުވާކޮށްފި އެވެ.

މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކެޝަޕްގެ ކޮއްކޮ އަނިބާވަކީ ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ޕްރޮޑިއުސްކޮށް، ގެނެސްދެމުން އަންނަ ސަލްމާންގެ ފްރެންޗައިޒްގެ "ދަބަންގް" ގެ ފުރަތަމަ ފިލްމު ޑައިރެކްޓަރެވެ. ދެހާސް ދިހައެއްގައި ގެނެސްދިން އެ ފިލްމަށް ފަހު، އަބިވްވް ފަހުން "ދަބަންގް" ގެ އެއްވެސް ފިލްމެއްގައި މަސައްކަތްކޮށްފައެއް ނުވެ އެވެ.
އޭގެ ސަބަބު އޭނާ ފޭސްބުކްގައި ހާމަކުރީ މިދިޔަ އާދީއްތަ ދުވަހު އެކްޓަރު ސުޝާންތު ސިންޖް ރާޖްޕޫރު ދަންޖެހިގެން އަމިއްލަ ފުރާނަ ދުއްވައިލި ހާދިސާއާ ގުޅިގެންނެވެ.
އަބިނާވް، 45، ގެ ޕޯސްޓްގައި ބުނެފައިވަ ވަނީ 2012 ގައި ގެނެސްދިން "ދަބަންގް 2" ގައި ވެސް ހިއްސާ ނުވީ އަރްބާޒާއި އޭނާގެ ކޮއްކޮ ސުހައިލް ޚާނާއި އެ މީހުންގެ އާއިލާގެ ތެރޭގައި އޮތް ހައިޖާނުގަނޑަކާ ހެދި އެ މީހުންގެ ފަރާތުން ބުލީއާ ކުރިމަތިލާން ޖެހުމުން ކަމަށެވެ. އަދި އެ މީހުން ވަނީ އޭނާގެ ކެރިއަރު ހަލާކުކުރަން އެތައް މަސައްކަތެއްކޮށްފައިވާ ކަމަށާއި އޭނާ ފަހުން ހެދި ފިލްމަކަށް ގެއްލުންދޭން އުޅުނު ކަމަށް ވެސް އަބިނާވް ތުހުމަތުކޮށްފައިވެ އެވެ.
އެ ފިލްމަކީ ރަންބީރު ކަޕޫރާ އެކު 2013 ގައި އަބިނާވް ގެނެސްދިން "ބޭޝަރަމް" އެވެ. "ދަބަންގް" އަށް ފަހު އޭނާ ޑައިރެކްޓްކުރި ހަމައެކަނި ފިލްމަކީ ވެސް އެއީ އެވެ. ރަންބީރްގެ އިތުރުން އޭނާގެ ބައްޕަ ރިޝީ ކަޕޫރާއި މަންމަ ނީޓޫ ސިންގް ވެސް މުހިއްމު ރޯލްތައް ކުޅުނު "ބޭޝަރަމް" އަކީ ރަންބީރްގެ ކެރިއަރުގެ އެންމެ ބޮޑު ފްލޮޕެވެ.
ސަލްމާނާއި އޭނާގެ އާއިލާ އަށް ކުރި ތުހުމަތުތަކާ އެކު އަބިނާވްގެ ޕޯސްޓްގައި ވަރަށް ދިގުކޮށް، ފިލްމީ ދާއިރާގެ ތެރޭގައި މީސްމީހުންނާ ދޭތެރޭ ގެންގުޅޭ ނުބައި އެޖެންޑާތަކާއި މަޝްހޫރު މީސްމީހުންގެ ނުފޫޒު އެ ދާއިރާ އަށް އޮން މިންވަރާ ބެހޭ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފަ އެވެ.
ސަލްމާންގެ އާއިލާ އަށް އަބިނާވް ކުރި ތުހުމަތުތަކާ ގުޅިގެން އަބިނާވާ ދޭތެރޭ ގާނޫނީ ގޮތުން ފިޔަވަޅު އަޅައިދޭން މިހާރު ކަމާބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށް މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަރްބާޒް ބުންޏެވެ. އަދި އޭނާ ބުނެފައި ވަނީ "ދަބަންގް 2" އާ ބެހޭ ގޮތުން އަބިނާވް ދައްކާފައި ހުރި ވާހަކަތަކާ ބެހޭ އެއްވެސް ކަމެއް ކުރިއަކުން ނޭނގޭ ކަމަށާއި އޭނާގެ ކެރިއަރު ހަލާކުކުރާކަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
މި މައްސަލާގައި ސަލްމާންގެ ބައްޕަ ސާލިމް ޚާން ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އަބިނާވް ދައްކާ ވާހަކަތަކަށް އެއްވެސް ރައްދެއް ދޭން ބޭނުންނުވާ ކަމަށާއި އެއީ ވަގުތު ބޭކާރުކޮށްލުން ކަމަށެވެ. އެކަމަކު އަމިއްލަ ކެރިއަރު ބިނާނުކުރެވުމުގެ ޒިންމާ އެހެން ބައެއްގެ ބޮލުގައި އެޅުވުމަކީ ޖޯކެއް ކަމަށް ބުންޏެވެ.
އަބިނާވް ދެއްކި ވާހަތަކާ ގުޅިގެން މީޑިއާތަކުން އޭނާގެ ބޭބެ އަނޫރާގް ސުވާލުކުރުމުން އޭނާ ބުނީ އަބިނާވް ފިލްމީ ދާއިރާ ދޫކޮށްލި ވާހަކަ މީގެ ދެ އަހަރު ކުރިން ބުނެފައިވާ ކަމަށެވެ. އެހެންވެ އޭނާ ދައްކާ ވާހަކަތަކާއި ކުރާ ކަންކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ބުންޏެވެ.
ސަލްމާންގެ މަގުބޫލު ޗުންބުލް ޕާންޑޭ ކެރެކްޓާ ތައާރަފުވި "ދަބަންގް" އަކީ އަބިނާވް ޑައިރެކްޓްކުރުމުގެ އިތުރަށް ސްކްރީންޕްލޭގައި ވެސް ހިއްސާވި ފިލްމެކެވެ. މީފެ ދެވަނަ ބައި ޑައިރެކްޓްކުރީ އަރްބާޒެވެ. އަދި މިދިޔަ އަހަރު ރިލީޒްކުރި "ދަބަންގް 3" ގެ ޑައިރެކްޓްކުރީ ޕްރަބޫދޭވާ އެވެ.