އެމްޓީސީސީގެ ސީއެފްއޯ އާއި ޖީއެމްއަކު ވަޒީފާ އިން ވަކިކޮށްފި
އެމްޓީސީސީގެ ސީއެފްއޯ އާއި ޖީއެމްއަކު ވަޒީފާ އިން ވަކިކޮށްފި

އެމްޓީސީސީގެ ޗީފް ފައިނޭންސް އޮފިސަރު މުހަންމަދު ހިލްމީ އާއި ޖެނެރަލް މެނޭޖަރު، ޓްރޭޑް އިސްމާއިލް އަދުހަމް ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.

އެމްޓީސީސީގެ އިސް ބޭފުޅަކު ވިދާޅުވީ އެ ދެބޭފުޅުން ވެސް ވަޒީފާ އިން ވަކިކުރީ މިއަދު ބޭއްވި ބޯޑު މީޓިންގައި ކަމަށެވެ. އަދި ދެ ބޭފުޅުންނަށް ވެސް އެ ފިޔަވަޅު އެޅީ، އޭނާ ވިދާޅުވި ގޮތުގައި ގޯސްކޮށް ކަންކަން ކޮށްފައި ތިއްބެވި ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ފަށާފައި ވާތީ އެވެ.

ސީއެފްއޯ ހިލްމީ އަކީ އެމްޓީސީސީގައި ތިން ވަނަ އަށް އެންމެ އިސް ބޭފުޅާ އެވެ. އޭނާ ވަނީ އެ ކުންފުނީގައި 10 އަހަރު ހޭދަކުރައްވައިފަ އެވެ. އަދި ޓްރޭޑްގެ ޖެނެރަލް މެނޭޖަރުގެ ވަޒީފާގައި ހުންނެވި އަދުހަމް ވަނީ ހައެއްކަ އަަހަރު އެމްޓީސީސީގައި ހޭދަކުރައްވައިފަ އެވެ. އޭނާ އަކީ ވެސް އެގްޒެކެޓިވް ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެމްޓީސީސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ހިލްމީގެ މައްސަލަ އަކީ ކުންފުނީގެ ކޯޕަރޭޓް އުސޫލާ ހިލާފަށް ބަޔަކަށް ގެރެންޓީ ދީފައިވުމާއި އެއީ ގޯސްކޮށް ހިންގާފައިވާ ކަމެއް ކަމަށް އޮޑިޓްގައި ފާހަގަކޮށްފައި ވުމެވެ. އަދުހަމް އަށް ކޮށްފައިވާ ތުހުމަތަކީ ކުންފުނީގެ ވިޔަފާރީގެ އުސޫލުތަކާއި ކްރެޑިޓް ޕޮލިސީއާ ހިލާފަށް ކްރެޑިޓް ދީފައި ވުމެވެ.