21 ޖޫން 2020 - 11:51

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ދެ މަސް ވަންދެން ލޮކްޑައުން ކޮށްފައި ބޭއްވުމަށް ފަހު، މިދިޔަ ހޯމަ ދުވަހުން ފެށިގެން ދިޔަ ބޮޑު ލުޔާއެކު، ގިނަ އަދަދެއްގެ ކުޑަކުދިން ގެއިން ބޭޭރަށް ނެރޭކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އެ ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިން ގައި ޓެގްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އައިޖީއެމްއެޗުގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ގިނަ އަދަދެއްގެ ކުޑަކުދިން ގޮވައިގެން ބެލެެނިވެރިން ބޭރަށް ނުކުމެ އުޅޭކަން މިހާރު ފާހަގަ ކުރެއްވޭ ކަަމަށެވެ. އެއީ ރަަނގަޅު އާދަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދީފައި އޮތް ކަމުގައި ވިޔަސް ވެސް އެ ކުދިން ބޭރަށް ނެރޭ އިރުގައި ވެސް ހަމަ ވަކި ދުވަސްތަކަކަށް ބަހާލައިގެން ވީހާ ވެސް ދުވަސްތައް މަދުކޮށް، މި ގޮތަށް އަމަލު ކުރެވިދާނެ،" ޝަހީދު ވިދާޅުވި އެވެ.
ޓެގްގެ އަނެއް ކަންބޮޑުވުމަކީ އުމުރުން ދުވަސްވީ މީހުން ކަސްރަތަށް ހިނގައިލަން ހާއްސަ ކޮށްފައިވާ ވަގުތުގައި ވެސް އެހެން މީހުން ވެސް ގިނަ އަދަދަކަށް ބޭރުތެރޭގައި އުޅުމެވެ. ލޮކްޑައުން އަށް ލުއި ދިން އިރު އުމުރުން ދުވަސްވީ މީހުން ކަސްރަތަށް ހާއްސަ ކޮށްފައިވާ ވަގުތަކީ ފަތިހު 5:00 ން ހެނދުނު 8:00 އަށެވެ.
ޝަހީދު ވިދާޅުވީ، އެ ވަގުތުގައި ޒުވާނުން ވެސް ނުކުމެ އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ވަކި ގަޑިތަކެއް ވަކި އުމުރުތަކެއްގެ މީހުންނަށް ހާއްސަ ކޮށްފައި މިއޮތީ މީގެ ބައެއް ގްރޫޕްތަކަކީ މީގެ ރިސްކު އިތުރު، ބަލި ޖެހުމުން ހާލު ދެރަވުމުގެ ފުރުސަތު ބޮޑު މީހުންނަށް ރިސްކް ކުޑަކުރުމަށް ޓަަކައި،" ޝަހީދު ވިދާޅުވި އެވެ.
ކޮވިޑްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ އަދި ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. އެހެންވެ، ކުޑަކުދިންނާއި އުމުރުން ދުވަސްްވީ މީހުންނަށް ހާއްސަ ކޮށްފައިވާ ވަގުތުތަކުގައި އެހެން މީހުން ނުނިކުތުމަށް ޝަހީދު އިލްތިމާސް ކުރެއްވި އެވެ.
"އަސްލުގައި ކޮވިޑް-19 ގެ ނުރައްކާ ކުޑަވީއެއް ނޫން. ދާދި ފަހުން ޑަބްލިއުއެޗްއޯ އިން ވެސް ފާހަގަކޮށްފައިވާ ގޮތުން މުޅި ދުނިޔޭގައި ވެސް ބަލިޖެހޭ އަަދަދު މައްޗަށް ދަމުން މި ދަނީ. އެހެންވީމާ އަޅުގަނޑުމެން ވެސް ޖެހޭނެ މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން،" އޭނާ ވިދާޅުވި އެވެ.