01 ޖޫން 2016 - 11:02

މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ދާއިރާ އިން ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކުރިން އަންދާޒާ ކުރި މިންވަރަށް އެ ދާއިރާ ކުރިއަރާނެ ކަމަށް ލަފާނުކުރެވޭތީ، އިގްތިސާދީ ދުވެލި މިހާރު އަންދާޒާ ކޮށްފައިވާ މިންވަރަށް ވުރެ ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން އިއްޔެ ނެރުނު "އިގްތިސާދީ ރިވިއު"ގެ މިދިޔަ މަހުގެ އަދަދުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީން ލަފާ ކޮށްފައި ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓު ކުރިއަރާނެ ކަމަށެވެ.
އައިއެމްއެފް އިން މިދިޔަ މަހު ނެރުނު ރާއްޖެއާ ބެހޭ ރިޕޯޓްގައި ވެސް ބުނެފައި ވަނީ ޓޫރިޒަމް ދާއިރާ އަށް އަންނަ ކުރިއެރުމަށް ބަލާއިރު، މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 3.5 ޕަސެންޓްގައި ކަމަށެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރިލް މަހު ރާއްޖެ އައިސްފައި ވަނީ 103،493 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އެއް ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އެއީ މިދިޔަ މާޗް މަހާ އަޅައިބަލާއިރު ދިހަ ޕަސެންޓް ދަށް އަދަދެއް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހުގެ ނިޔަލަށް ޓޫރިޒަމް ދާއިރާގެ އޮކިއުޕަންސީ ރޭޓް ވަނީ 73 ޕަސެންޓުން 70 ޕަސެންޓަށް ދަށްވެފަ އެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގައި އޮޕަރޭޓްކުރާ އެނދުގެ އަދަދު އިތުރުވުން ކަމަށް ވެސް އެމްއެމްއޭގެ އިގްތިސާދީ ރިވިއުގައި ބުނެފައިވެ އެވެ.