އޮޒިލް ތަފާތު ދެއްކިއިރު އާސެނަލަށް ބޮޑު މޮޅެއް
އޮޒިލް ތަފާތު ދެއްކިއިރު އާސެނަލަށް ބޮޑު މޮޅެއް

ލަންޑަން (އޮކްޓޯބަރު 20) - ޗެމްޕިއަންސް ލީގުގައި ރޭ މެސުޓް އޮޒިލްގެ ހެޓްރިކާ އެކު 6-0 އިން ލުޑޮގޮރެޓްސް ރަޒްގާޑް އަތުން އާސެނަލް ބޮޑު މޮޅެއް ހޯދައިފި އެވެ.

ރޭގެ މޮޅާ އެކު އާސެނަލް ވަނީ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް އާސެނަލާއި ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ކުރިލިބެނީ ފައިދާ ލަނޑުންނެވެ. ޕީއެސްޖީ ވަނީ ރޭ 3-0 އިން ބަސެލް ބަލިކޮށްފަ އެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތް ލުޑޮގޮރެޓްސް އާއި އެންމެ ފުލުގައި އޮތް ބަސެލް އަށް ތިން މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ރޭގެ މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ އަލެކްސިސް ސަންޗޭޒް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިއޯ ވޮލްކޮޓްގެ ލަނޑުން އާސެނަލް ލީޑުފުޅާކުރިއިރު، ދެ ވަނަ ހާފްގެ ފުރަތަމަ މިނިޓްގައި ތިން ވަނަ ލަނޑު ޖެހީ އޮކްސްލޭޑް ޗަމްބަލެއިން އެވެ.

އާސެނަލްގެ ފަހު ތިން ލަނޑު ޖަހައި އޮޒިލް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ރޭގެ މެޗުގައި އޮޒިލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޮޒިލް އެެވެ.

ވެންގާ ބުނީ މި ނަތީޖާ އަކީ މި މުބާރާތުގައި ކުރިއަށްދާން ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"މިއީ ވަރަށް ހިތްހަމަ ޖެހޭ ނަތީޖާއެއް. މި މުބާރާތުގައި ކުރިއަށްދާން ހިތްވަރެއް. އެކަމަކު މިއީ އަދި ގްރޫޕް ސްޓޭޖް ކަމަށްވުމުން އަހަރެމެން އެބަޖެހޭ ހަމަބިމުގައި ތިބެން،" ވެންގާ ބުންޏެވެ.