21 އޮކްޓޯބަރ 2016 - 10:03

ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ހާއްސަ ދެ ސީޒަނެއް ދިޔަ އެވެ. އެއީ 1994-1995 ވަނަ އަހަރާއި 2015-2016 ވަނަ އަހަރުގެ ސީޒަނެވެ. މި ދެ ސީޒަނުގެ ވެސް ހާއްސަ ކަމަކީ ބޮޑެތި ކްލަބްތައް ފަހަތަށް ޖައްސާލުމަށް ފަހު އާދައިގެ ޓީމެއް ޗެމްޕިއަންކަން ހޯދުމެވެ. ބްލެކްބާން ރޯވާސް 1995 ވަނަ އަހަރު ހޯދިއިރު، މިދިޔަ އަހަރު ތަށި އުފުލާލީ ލެސްޓާ ސިޓީ އެވެ. ޗެމްޕިއަންކަން ހޯދުމަށް ފަހު ބްލެކްބާން އަށް ޖެހިގެން އައި ސީޒަނުގައި ގިނަ މައްސަލަތަކެއް ދިމާވި އެވެ. ލެސްޓާ އަށް ވެސް މި ވަނީ އެހެން ހެއްޔެވެ؟

ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ފަހު ޖެހިގެން އައި ސީޒަނުގައި ބްލެކްބާން ސީޒަން ނިންމާލީ ހަތް ވަނައިގައި އޮވެ އެވެ. ސީޒަނަކަށް ފަހު ސީޒަނެއް އެ ޓީމުގެ ފޯމު ދަށްވަމުން ގޮސް ހަތަރު އަހަރު ފަހުން އެ ޓީމު ވަނީ ރެލިގޭޓްވެފަ އެވެ.

މިފަހަރުގެ ސީޒަނުގައި މިހާތަނަށް ލެސްޓާ އިން އަށް މެޗު ކުޅުނުއިރު އެ ޓީމަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. ހަތަރު މެޗުން ބަލިވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެެވެ. ލެސްޓާ މި ވަގުތު ލީގުގެ 13 ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ.
ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ވެސް ވަނީ މި ސީޒަނަކީ އެ ޓީމަށް އިމްތިހާނެއް ކަމަށް ބުނެފަ އެވެ. ހިތްވަރު ނުކޮށްފިނަމަ ލެސްޓާ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ބުންޏެވެ.
ބްލެކްބާން 1994-1995 ވަނަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ އިންގްލެންޑުގެ އެލަން ޝިއަރާ އެވެ. ޝިއަރާ ވަނީ އެ ފަހަރު ލީގުގައި 34 ލަނޑު ޖަހައިފަ އެވެ. އެހެން ނަމަވެސް އޭގެ އެއް ސީޒަނަށް ފަހު ޝިއަރާ ވަނީ ބްލެކްބާން ދޫކޮށްލައިފަ އެވެ. ޝިއަރާ ކްލަބް ދޫކޮށްލި އެންމެ ބޮޑު ސަބަބަކީ އެ ކްލަބުން މަގާމު ދަމަހައްޓަން ހަރަދުކުރަން ފަސްޖެހުމެވެ. ބްލެކްބާނުން އެ ފަހަރުގެ ޓްރާންސްފާގައި ގަތީ ހަތަރު ކުޅުންތެރިއެކެވެ. އެ ހަތަރު ކުޅުންތެރިންނަކީ ވެސް ފެންވަރަށް ބަލާއިރު، ޗެމްޕިއަންކަން ހޯދި ބްލެކްބާން ޓީމުގައި ތިބި ކުޅުންތެރިންނަށް ވުރެން ދަށް ކުޅުންތެރިންތަކެކެވެ.
މިިދިޔަ ސީޒަނުގައި ލެސްޓާ ޕްރިމިއާ ލީގު ހޯދިއިރު މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދު މާރޭޒް އެވެ. އެހެން ނަމަވެސް ގިނަ ބަޔަކު އެއްބަސްވާނެ އެއް ކަަމަކީ އެންގޯލޯ ކޯންޓޭ ދެއްކި ތަފާތު މޮޅު ކުޅުމެވެ. އޭނާ ވަނީ މިދިޔަ ޓްރާންސްފާ މާކެޓްގައި 30 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވެފަ އެވެ.
ލެސްޓާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އަށް ކުޅުންތެރިއަކު ގެނެސްފަ އެވެ. އޭގެ ތެރޭގައި ކޯންޓޭ ކުޅޭ މަގާމު ފޫބައްދަން ގެނައި ކުޅުންތެރިއަކީ ނަމްޕަލީސް މެންޑީ އެވެ. ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން މެންޑީ ހުރީ ކުޅުމާ ދުރު އެވެ. ލެސްޓާ މިދިޔަ ސީޒަނުގައި ބަލިނުވާ ވަރަށް މި ފަހަރުގެ ލީގުގެ މިހާތަނަށް ވެސް ބަލިވެއްޖެ އެވެ. އެ ޓީމުން ދައްކަނީ ކޯންޓޭ ނެތްތަން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.
"ކޯންޓޭ އަކީ ލެސްޓާގެ އިންޖީނު. އިންޖީނެއް ނުލައި އެއްވެސް ކަމެއް ނުވާނެ. ކޯންޓޭ ނެތްތަން ފޫބެއްދޭނެ ކުޅުންތެރިއަކު ހޯދުމަކީ ލެސްޓާ އަށް ފަސޭހަކަމެއް ނޫން. އެއީ ވަަރަށް އުނދަގޫވާނެ މަސައްކަތެއް،" ކުރިން ލެސްޓާ އަށް ކުޅުނު ފޯވާޑް ލެސް ފާޑިނަންޑް ބުންޏެވެ.
ލެސްޓާގެ މުހިއްމު ކުޅުންތެރިން ކްލަބްގައި މަޑުކުރަން އެއްބަސްވުމުގައި ސޮއިކޮށްފައިވީ ނަމަވެސް މަޝްހޫރު ކުޅުންތެރިން ކަމަށްވާ މާރޭޒާއި ޖޭމީ ވާޑީ އަށް އެހެން ކްލަބްތަކުން އަންނަނީ ހުށަހެޅުން ލިބެމުންނެވެ. މާރޭޒާއި ވާޑީ އަށް މިފަހަރުގެ ވެސް ވަނީ އާސެނަލުން ބިޑްކޮށްފަ އެވެ.
ޗެމްޕިއަންކަން ހޯދި ބްލެކްބާން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން އެ ކްލަބް ދޫކޮށްދާން ފެށީ ފުރަތަމަ ސީޒަން ނިމުމުންނެވެ. އޭގެ ތެރޭގައި އެ ޓީމަށް އެ ފަހަރު މޮޅު ކުޅުމެއް ދެއްކި ޓިމް ޝާވުޑާއި ކްރިސް ސަޓަން ހިމެނެ އެވެ.
ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ޖެހިގެން އައި ސީޒަނުގައި ބްލެކްބާން އިން ޗެމްޕިއަންސް ލީގަށް މާބޮޑަށް ތައްޔާރުވެފައެއް ނެތެވެ. ނަތީޖާއަކަށްވީ ބްލެކްބާން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ބަލިވެ، ކުޅުނު ހަ މެޗުން ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލުން މުބާރާތް ނިންމާލަން ޖެހުމެވެ.
ލެސްޓާ އިން އަންނަނީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ކުޅުނު ތިން މެޗުން މޮޅުވީ ބައިކޮޅަށް ލަނޑެއް ނުވަދެ އެވެ. އެ ޓީމަށް މިހާރު ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުވެފައިވާއިރު އެންމެ ފަހުން ކޮޕެންހާގެންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރަނިއޭރީ ބުނީ ޕްރިމިއާ ލީގުގެ ފޯމު ދަށްވުމަކީ އޭނާ އަށް އޮތް ބޮލުރިހުމެއް ކަމަށެވެ.
"އަހަރެން ހައިރާންވެއްޖެ. ޗެމްޕިއަންސް ލީގުގައި އަހަރެމެން މި ކުޅޭ ކުޅުމާއި ލީގުގައި މި ކުޅޭ ކުޅުން އެތައް ގުނައެއް ތަފާތު. މިއީ ވިސްނަން ވެއްޖެ ކަމެއް،" ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން ރަނިއޭރީ ބުންޏެވެ.
ސްކައިސްޕޯޓްސްގެ ޕްރިމިއާ ލީގު އެނަލިސްޓް ނައިލް ކުއިން ބުނީ ލެސްޓާ އަށް ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި އެއް ފެންވަރެއްގައި ކުޅުން ނުހިފެހެއްޓުމަކީ އެ ކްލަބަށް އޮތް ބިރެއް ކަމަށެވެ.
"ލެސްޓާ އާއި ބްލެކްބާން އަށް މި ވަނީ އެއްގޮތް ކަމަށް ގިނަ ބަޔަކު އެއްބަސް އެބަވޭ. އެކަމަކު ވިސްނަން ޖެހޭ އިތުރު ކަމެއް އެބައޮތް. ބްލެކްބާން އެއްކޮށް ފޯމު ގެއްލުނީ. ޗެމްޕިއަންސް ލީގުގައި ވެސް ބްލެކްބާން ދިޔައީ ދަށްކޮށް. އެކަމަކު ލީގުގައި ދަށްވިޔަސް ލެސްޓާ މިދަނީ ޗެމްޕިއަންސް ލީގުގައި ކުރިއަށް. ޗެމްޕިއަންސް ލީގުގައި ލެސްޓާ އަށް ނިމުން އަންނައިރު އެޓީމަށް ޕްރިމިއާ ލީގުގައި ލިބޭނީ މާބޮޑު ގެއްލުމެއް. އެއީ ފޯމު ގެއްލޭއިރު ޓީމު ވެއްޓޭނީ އަދަވަޅަކަށް. އެއީ މި ލީގުގައި ވެފައިހުރިކަމެއް،" ކުއިން ބުންޏެވެ.