ފައިސަލްގެ އިސްލާހުތައް މަޖިލީހުން ބޭރުކޮށްލައިފި
ފައިސަލްގެ އިސްލާހުތައް މަޖިލީހުން ބޭރުކޮށްލައިފި

ދެ ގާނޫނަކަށް އިސްލާހު ގެންނަން ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް ހުށަހެޅުއްވި ބިލު ބަލައިނުގަނެ، މިއަދު ބޭރުކޮށްލައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހު މަޖިލީހަށް ބަލައިގަންނަން 18 މެމްބަރުން ވޯޓު ދެއްވި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބޭރުކޮށްލީ 37 ވޯޓުންނެވެ. މި އިސްލާހު ބަލައިގަންނަން ވޯޓު ދެއްވީ ވެސް 18 މެމްބަރެކެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ފައިސަލް ހުށަހެޅުއްވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބޭންކް އެކައުންޓް ހުޅުވަން މިހާރު ދީފައި އޮތް ތިން މަސް، ހަ މަސް ދުވަހަށް ދިގުކޮށްދިނުމަށެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ގެންނަން ހުށަހެޅުއްވި އިސްލާހުގައި ވަނީ ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ކަމަށެވެ. ރިސޯޓެއް ނުވަތަ ހޮޓަލެއް ހުޅުވޭތާ މަދުވެގެން ފަސް އަހަރުގެ ތެރޭގައި، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ނިސްބަތުން ވަޒީފާގެ ފުރުސަތު ދޭން ވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މި ދެ އިސްލާހުގެ ތެރެއިން ގިނަ މެމްބަރުން ބަހުސްކުރެއްވީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ބިދޭސީންގެ ބޭންކް އެކައުންޓް ހުޅުވަން މިހާރު އޮތް ތިން މަހަކީ ކުރު މުއްދަތަކަށް ވާތީ އެއަށް ވުރެ ދިގު މުއްދަތެއް ލިބެން ޖެހޭނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމުރީން ހިލޭ ލިބޭ ގޮތަށް، ފައިސަލް ހުށަހެޅުއްވި އިސްލާހު ވެސް މަޖިލިހުން ވަނީ ބޭރުކޮށްލައިފަ އެވެ.