01 ޖުލައި 2020 - 14:08

ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ކުރުވަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފުލުހުން މިއަދު ހާޒިރުކުރަން ނިންމައިފި އެވެ.
ފުލުހުން އެ މައްސަލައިގައި އަމަލުކުރި ގޮތް ބެލުމަށް ޖެންޑާ ކޮމިޓީ ބާއްވަން ޝެޑިއުލްކޮށްފައި އޮތީ މިއަދު 3:30 ގަ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ކެންޔާ އަންހެނަކަށް ޖިންސީ ކުރި މައްސަލައިގައި ދެ ފިރިހެނަކު ހައްޔަރުކުރި އެވެ. އެކަމަކު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ދެ ފިރިހެނުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
ފުލުހުން މި ތުހުމަތު ދޮގުކޮށްފައި ވިޔަސް ޖިންސީ ގޯނާގެ އެހެން މައްސަލަތަކުގައި އަމަލުކުރާ ގޮތާ ޚިލާފަށް އެ މައްސަލައިގައި އަމަލުކޮށްފައިވާ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. އަދި، ޖިންސީ ގޯނާގެ ކުށާ ގުޅިފައިވާ އެހެން ކުށްތަކެއްގެ ތަހުގީގު ފުލުހުން ނުހިންގާ ކަމުގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.
ޖެންޑާ ކޮމިޓީން ބަލަމުން އަންނަ މައްސަލައިގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ މައްސަލަ ރިޕޯޓްކުރި ހިސާބުން ސީންގައި ހަރަކާތްތެރިވި ފުލުހުންނާއި ސްޓޭޝަން އިންޗާޖު ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރުމަށެވެ. އަދި ފުލުހުން އަމަލުކުރި ގޮތް ގާތުން ބަލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އަރިހުން އެދުމަށް ވެސް ކޮމިޓީން އޮތީ ނިންމައިފަ އެވެ.
ޖިންސީ ގޯނާގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ފުލުހުން ތަހުގީގު ނުކުރާ ކަމުގެ ތުހުމަތުތަކާ ގުޅިގެން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ. މައްސަލައިގެ ތަހުގީގަށް ކޭސް ލޮގް ނުދޭ ކަމަށް އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވިޔަސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.