ހުރިހާ ފަހަރަކު މޮޅެއް ނުވެވޭނެ: ގާޑިއޯލާ
ހުރިހާ ފަހަރަކު މޮޅެއް ނުވެވޭނެ: ގާޑިއޯލާ

މެންޗެސްޓާ (ޖުލައި 2) - އިނގިރޭސި ޕްރިމިއާ ލީގު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދުމަކީ މި ސީޒަނަށް ކަނޑައެޅި އެއް ޓާގެޓް ކަމަށާއި އެކަމަކު އެކަން ހާސިލްނުވީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ އިތުރުން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލިވަޕޫލް ވަރަށް ރަނގަޅު ލެވަލެއްގައި އޮތުމުން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާކީ ހަތް މެޗު އޮއްވައި ލިވަޕޫލުން ލީގު ކަށަވަރުކުރީ ސިޓީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޗެލްސީ އަތުން ބަލިވުމުންނެވެ. ލީގުގައި މިރޭ ސިޓީ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ސިޓީގެ ފަރާތުން ލިވަޕޫލަށް ގާޑް އޮފް އޮނާ އެއް ދޭނެ އެވެ.

"އަހަރެމެންނަށް ލީގު ގެއްލިއްޖެ ބާކީ ހަތް މެޗު އޮއްވައި 20 އަށް ވުރެން ގިނަ ޕޮއިންޓްގެ ފަރަގަކުން. އެއީ ފެންނަން އޮތް ހަގީގަތް،" ލީގުގައި މިރޭގެ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

މިިދިޔަ ސީޒަނުގައި ސިޓީން ލީގު ހޯދީ ދެ ވަނައިގައި ނިންމާލި ލިވަޕޫލަށް ވުރެން އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ގާޑިއޯލާ ބުނީ މިދިޔަ ސީޒަނަށް ވުރެން ލިވަޕޫލް މިހާރު ވަރުގަދަ ކަމަށާއި އަނެއްކޮޅުން ލެވަލް ހިފެހެއްޓުމުގައި ސިޓީ އަށް މައްސަލަ ދިމާވި ކަމަށެވެ.

"ޗެލެންޖެއް ގޮތުގައި ނަގައިގެން ޓާގެޓްކުރީ މި ސީޒަނުގައި ވެސް ލީގު ހޯދަން. އެކަމަކު މިހާރު މި އޮތީ ވެފައި އޮތްކަމެއް ފެންނަން. އަހަރެމެންނަށް ކުރިން ދެއްކި ކުޅުން ނުދެއްކުނުއިރު ލިވަޕޫލް ހޯދާފައިވާ ކާމިޔާބީ އަކީ މަދު ފަހަރަކު ނޫނީ ނުވާނެ ކަމެއް. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަހަރެމެންނަށް ވެސް ހުރިހާ ފަހަރެއްގައި މޮޅެއް ނުވެވޭނެކަން. އެހެން ޓީމުތަކުން ވެސް ކާމިޔާބު ހޯދާނެ،" ގާޑިއޯލާ ބުންޏެވެ.

ލީގު ގެއްލުނު ނަމަވެސް މި ސީޒަނަކީ ސިޓީ އަށް ކާމިޔާބު ސީޒަނަކަށް ހެދިދާނެ ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ. ސިޓީން ވަނީ މި ސީޒަނުގެ ލީގު ކަޕް ކާމިޔާބު ކޮށްފަ އެވެ. އެ ޓީމަށް އަދިވެސް އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ އެވެ.

"ވަރަށް ގިނަ މީހުން ބުނޭ ބަޔާންގައި އަހަރެން ފެއިލްވީއޭ ޗެމްޕިއަންސް ލީގު ނުހޯދުނީމަ. ސިޓީގައި ވެސް މިހާރު އޮތް އެންމެ ބޮޑު ޗެލެންޖަކީ އެއީ. އަހަރެން މި ހުރީ އަބަދުވެސް ޗެލެންޖަށް މަރުހަބާ ކިޔަން. އެއީ މި މަސައްކަތް ކުރިއަށްދާނީ ޗެލެންޖްތައް ނަގައިގެން،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް ގާޑިއޯލާގެ ކޯޗުކަމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއެއް ކަމަށްވާ ލެރޯއި ސާނޭ ވަނީ އަންނަ ސީޒަނުގައި ބަޔާނަށް ބަދަލުވާން އެއްބަސްވެފަ އެވެ. ގާޑިއޯލާ ވަނީ ސާނޭގެ ނިންމުމަން މަރުހަބާ ކިޔައިފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:15 ގަ އެވެ.