07 ޖުލައި 2020 - 07:35

އަސްލު ހަގީގީ ބިރިއާނީ އަކީ "ހައިދަރުއާބާދީ ބިރިޔާނީ" ކަމަށް ބުނެ އިންޑިއާގެ ރެސްޓޯރަންޓަކުން އާންމުކޮށްފައިވާ ލިޔުމަކާ ގުޅިގެން ބޮޑު ބަހުސެއް ފެށިއްޖެ އެވެ.
ބިރިޔާނީގެ ކެއުންތަކަށް މަޝްހޫރު އިންޑިއާގެ ޕޫނޭގައި ހިންގާ ރެސްޓޯރަންޓެއްގެ ބޭރުގައި ބަހައްޓާފައިވާ ލިޔުމެއްގައި ދައުވާކުރާ ގޮތުން "ހަގީގީ ބިރިޔާނީ އަކީ ހައިދަރުއާބާދީ ބިރިޔާނީ" އެވެ. އަދި ބިރިޔާނީގެ ގޮތުގައި ތައްޔާރުކުރާ އެ ނޫން ކެއުންތަކަކީ ހަމަ "ބަތްގަނޑެއް" ކަމަށް ސިފަކޮށްފައިވެ އެވެ.
ސުރުހީއަކަށް "ބިރިޔާނީ ޕޮލިސީ" ޖަހާފައި ރެސްޓޯރަންޓްގައި ބަހައްޓާފައިވާ ލިޔުމުގެ ފޮޓޯއެއް މީހަކު ޓްވިޓްކުރުމުން ވަރަށް ގިނަ ބަޔަކު އަސްލު ބިރިޔާނީ އަކީ ކޮބައިކަމާ ދޭތެރޭ ސުވާލު އުފައްދައި އެކި ވާހަކަތައް ދައްކާފައިވެ އެވެ.
ލިޔުމުގައިވާ ގޮތުން ބޮމްބޭ އަދި ޕާކިސްތާނީ ބިރިޔާނީގެ ނަމުގައި ތައްޔާރުކުރާ ކެއުންތަކަކީ ވެސް ބިރިޔާނީއެއް ނޫނެވެ. އަދި އެއީ "މަޓަން މަސާލާ ރައިސް" އެވެ. މީގެ އިތުރުން އަލުވި އަޅައިގެން ކައްކާ އެއްވެސް ބަތެއް ބިރިޔާނީއަކަށް ނުވާނެ ކަމަށާއި އެއީ ބިރިޔާނީ އަށް "މަނާ އެއްޗެއް" ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެފަދަ ކެއުމަކަށް ބިރިޔާނީއޭ ނުކިޔާނެ ކަމަށާއި އެއީ "ބަޓާޓާ ވަޅާ ރައިސް" ކަމަށް ވެސް ލިޔުމުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ލިޔުމަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި ހައިދަރުއާބާދީ ބިރިޔާނީ އަކީ ހަގީގީ ބިރިޔާނީ ކަމަށް ދައުވާކުރާ އިރު، ބިރިޔާނީ އަކީ ހަގީގަތުގައި އިންޑިއާ އިން އުފަންވި އެއްޗެއް ވެސް ނޫނެވެ. އެކަމަކު ބިރިޔާބީ މަޝްހޫރުވެގެން އައީ އިންޑިއާގެ ޝާހީ ކެއުމެއްގެ ގޮތުގަ އެވެ. އެގޮތުން މުގާލް ރަސްކަމުގެ ޒަމާނުގައި ބިރިޔާނީ އިންޑިއާ އަށް ތައާރަފުވީ އަފްޣާނިސްތާނުން ކަމަށް ބުނެފައިވެ އެވެ.
އަދި "ހައިދަރުއާބާފީ ބިރިޔާނީ" އަށް ވުރެ "ބުރައްމައްޗާރީ ބިރިޔާނީ" އަކީ މާ މީރު އެއްޗެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
އެކަމަކު އިންޑިއާގެ ރަހަމީރު ހަވާދުގަނޑުތަކާ އެކު ބިރިޔާނީ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާ ކަމަށް ބައެެއް މީހުން އިއްތިފާގުވެ އެވެ.
ބިރިޔާނީ އަކީ މައިގަނޑު އެއްޗަކަށް ބަތާއި އެއްގަމު މަހާއި ބިސް ވެސް ބޭނުންކޮށްގެން ތައްޔާރުކުރާ ވަރަށް ހާއްސަ ކެއުމެކެވެ.
ވިކިޕީޑިއާ ބުނާގޮތުން ބިރިޔާނީގެ އުފަންވި ތަނެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު އުތުރު އިންޑިއާ އާއި ބިރިޔާނީއާ ވަރަށް ބޮޑު ގުޅުމެއްވާ ކަމަށް ބުނެފައިވެ އެވެ.
ބިރިޔާނީގެ ވަރަށް ގިނަ ވައްތަރު ހުންނަ އިރު "ހައިދަރުއާބާދީ ބިރިޔާނީ" އަކީ އޭގެ ތެރެއިން ވެސް ވަރަށް މަޝްހޫރު ބިރިޔާނީއެކެވެ. އެ ވައްތަރުގެ ބިރިޔާނީ ތައާރަފުވީ މުގާލްގެ ރަސްކަމުގެ ދުވަސްވަރު އަސަފް ޑައިނާސްޓީގެ އަސަފް ޖާހީ ނުވަތަ މީރު ގަމަރުއްދީން ޚާން ސިއްދީގީ ބަޔަފަންދީގެ ޒަމާނުގައި 1671-1748 އާ ދޭތެރޭގަ އެވެ.
"ހައިދަރުއާބާދީ ބިރިޔާނީ" ގެ މައިގަޑަކީ ބާސްމަތީ ހަނޑުލާއި ބަކަރި މަހެވެ. ނަމަވެސް ގެރިމަހާއި ކުކުޅު މަހުން ވެސް އެ ބާވަތުގެ ބިރިޔާނީ ކައްކަ އެވެ.