ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ކަނޑައަޅާފައިވާ އުސޫލުން: ޖޭއެސްސީ
ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ކަނޑައަޅާފައިވާ އުސޫލުން: ޖޭއެސްސީ

ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން އަންނަނީ ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މައްސަލަތައް ބަލަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ހަރަކާތްތަކުގައި ނުވަތަ ސިޔާސީ ވަކި ފިކުރަކަށް ތާއިދުކުރާ ކަމަށް ބުނެ މިދިޔަ އަހަރުން ފެށިގެން ހުށަހަޅާފައިވާ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހުނަސް ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ފިކުރަކަށް ނުބަލާ ކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ތަފާތު ކުރުމެއް ނެތި ކަމަށް ބުންޏެވެ.

"އެމްޑީޕީ އަދި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން މި ކޮމިޝަނުން 14 މައްސަލައެއް ބަލާފައިވާއިރު އެފަދަ މައްސަލައެއް ތަހުގީގުކޮށް ނިމުމުން ދެ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވާފައި ވެ އެވެ. އަދި ފަނޑިޔާރުކަމުގެ މަގާމުގައި ހުރެ ސިޔާސީ ހަރަކާތެއްގައި ފަނޑިޔާރަކު ބައިވެރިވުމަކީ އިސްތިސްނާވުމެއް ނެތި، ފަނޑިޔާރުން ގާނޫނުން މަނާކުރެވިފައިވާ ކަމެއްކަން މި ކޮމިޝަނުން ފާހަގަކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

މައްސަލަތައް ބަލަނީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންކަން ފާހަގަކޮށް، ބަޔާނުގައި ބުނީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ހަސަން ނަޖީބުގެ މައްސަލައިގައި ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށް ލިބިދޭ އެންމެހައި ހައްގުތަކެއް ފުރިހަމައަށް ދީފައިވާ ކަމަށެވެ.

ނަޖީބާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލަތަކުގެ ތަފްސީލުތައް ޖޭއެސްސީން ވަނީ މިއަދު ހާމަކޮށްފަ އެވެ. ނަޖީބާ ގުޅޭ ހަތް މައްސަލައެއް ހިމެނޭއިރު އޭގެ ތެރެއިން ފަސް މައްސަލައަކީ ސިޔާސީ ކަންކަމެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމަށް ތާއިދުކޮށް އެކި ގޮތްގޮތުން ކެމްޕެއިން ކުރެއްވުމާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބޭއްވި މައްސަލަ ހިމެނެ އެވެ.

ފަނޑިޔާރުގެ މަގާމުން ނަޖީބު އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ވެސް ކުރި އެވެ. އޭނާގެ އިތުރުން އެހެން ބައެއް ފަނޑިޔާރުން ވެސް މީގެ ކުރިން ވަނީ ވަކިކޮށްފަ އެވެ. ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަ މިހާރު ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.