08 ޖުލައި 2020 - 09:34

މެސެޑޯނިއާގެ މަރްޖާން ސެލުކޮސްލީގެ ބަދަލުގައި ކުރިއަށް އޮތް ސީޒަނުގައި މާޒިޔާގެ ބެންޗުން ފެންނާނީ ދިވެހި ކޯޗެއް ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާ އަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ އިތުރުން އޭއެފްސީ ކަޕްގެ ކޮލިފައިން ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިދިން ސެކުލޮސްކީގެ ކޮންޓްރެކްޓް ހަމަވެ، މިހާރު އޭނާ ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ. މާޒިޔާ މެނޭޖްމަންޓުން ވަނީ ސެކުލޮސްކީ އެ ޓީމަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ.
އަންނަ ސީޒަނަށް ޓީމު އެކުލަވާލުމުގެ މަސައްކަތްތައް މާޒިޔާ އިން މި ވަގުތު ކުރަމުން އަންނައިރު، އެ ޓީމަށް އެންމެ ފުރަތަމަ އޮންނާނީ އޮކްޓޫބަރު މަހު 23 ވަނަ ދުވަހު ފަށާ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތަކެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތްކުރަނީ ޑިސެމްބަރު މަހުގަ އެވެ.
މާޒިޔާގެ އޮފިޝަލަކު "މިހާރަ"ށް ބުނީ އަންނަ ސީޒަނުގައި ޓީމަށް ކޯޗަކު ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެ ޓީމާ ހަވާލުވާނީ ދިވެހި ކޯޗެއް ކަމަށެވެ.
"ކޯޗަކާ މެދު ކްލަބްގެ މެނޭޖްމަންޓުން މަޝްވަރާތަކެއް ކުރެވެމުން ދަނީ. މިހާރު ޔަގީންކަމާ އެކު ބުނެވެން އޮތީ ދިވެހި ކޯޗެއް ޓީމާ ހަވާލުވާނީ. ވަރަށް އަވަހަށް ކަންތައްތައް ނިމޭނެ ކަމަށް މި ބަލަނީ،" އޮފިޝަލް ބުންޏެވެ.
މާޒިޔާ އަށް މިހާތަނަށް ފުރަތަމަ ޑިވިޝަނުގައި ހެޑް ކޯޗެއްގެ ގޮތުގައި އިރުޝާދުދީފައިވަނީ ދެ ދިވެހި ކޯޗުންނެވެ. އެއީ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭން އެވެ. މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށީ އިންމަގެ ކޯޗުކަމުގަ އެވެ. އޭނާ ވަނީ އެ ޓީމަށް 2012 ވަަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އިންމަ މާޒިޔާއާ ވަކިވީ 2014 ވަނަ އަހަރުގެ ސީޒަނުގަ ކުރީކޮޅުގަ އެވެ. އިންމަ ވަކިވުމުން އެ ޓީމާ ހަވާލުވީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން އެވެ. އޭނާގެ ކޯޗުކަމުގައި މާޒިޔާ ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ.
ސުޒޭން މާޒިޔާ ކޯޗުކަމުން ވަކިވީ 2016 ވަނަ އަހަރުގެ ސީޒަނަށް ވަރުގަދަ ޓީމަކާ އެކު ނިކުމެ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ނުވުމުންނެވެ. މާޒިޔާ އިން 2017 ވަނަ އަހަރަށް އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗަކަށް ގެނައީ ވެސް ސެކުލޮޮސްކީ އެވެ. ސެކުލޮސްކީގެ ކޯޗުކަމުގައި އެ ފަހަރު މާލޭ ލީގު ކާމިޔާބު ކުރި އެވެ. އެކަމަކު ފަހުން ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ސެކުލޮސްކީގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ދޫކޮށްލީ އެވެ. އެ އަހަރު ފަހު ކޮޅު އަލުން ޓީމުގެ ކޯޗަކަށް އިންމަ ގެނަ އެވެ. އަދި އިންމަ ވަނީ 2018 ވަނަ އަހަރުގެ ނިޔަލަށް މާޒިޔާ އަށް ކޯޗުކޮށްދީފަ އެވެ. މާޒިޔާ އިން ދެ ވަނަ ފަހަރަށް ސެކުލޮސްކީ ގެނައީ މިދިޔަ ސީޒަނުގަ އެވެ.
ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކާ ހެދި މާޒިޔާ އަށް ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް މީގެ ކުރިން އެ ކްލަބުން ވަނީ ބުނެފަ އެވެ. އެފްއޭއެމް އާއި ސްޕޮންސަރުންގެ ފަރާތުންނާއި އަދި އެހެނިހެން ގޮތްގޮތުން ކްލަބަށް ފައިސާ ހޯދުމުގައި ކްލަބުން މަސައްކަތްކުރަމުން އަންނައިރު، ލިބޭނެ އެއްޗަކަށް ބަލައި ކްލަބްގެ ބަޖެޓް ހަދައިގެން ކުރިއަށްދާއިރު ކްލަބަށް ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެ ކްލަބުން ވަނީ ބުނެފަ އެވެ.