ނިއު ޒީލެންޑް: ކަރަންޓީނުގައި ހުރި މީހަކު ސުޕަމާކެޓަށް ދިއުމުން، ބޮޑު ޖޫރިމަނާއެއް
ނިއު ޒީލެންޑް: ކަރަންޓީނުގައި ހުރި މީހަކު ސުޕަމާކެޓަށް ދިއުމުން، ބޮޑު ޖޫރިމަނާއެއް

އޯކްލޭންޑް (ޖުލައި 9) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ނިއު ޒީލެންޑުގެ އޯކްލޭންޑުގެ ކަރަންޓީން ސެންޓަރެއްގައި ހުރި މީހަކު ފެންސް މަތިން އަރައިގެން ސުޕަމާކެޓަކަށް ގޮސް ބާޒާރު ކުރުމުން، ބޮޑު ޖުރިމަނާއަކާ އެކު ހަ މަސް ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން އިންޑިއާ އިން ނިއު ޒީލެންޑަށް ދިޔަ 32 އަހަރުގެ މީހާ ކޮރޯނާވައިރަހަށް ޕޮޒިޓިވް ނަމަވެސް އޭނާގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނެ އެވެ. އޭނާ އޯކްލެންޑަށް ދިޔައީ ޖުލައި 3 ވަނަ ދުވަހު އެވެ.

ނިއު ޒީލެންޑުގެ ހެލްތު މިނިސްޓަރު ކްރިސް ހިޕްކިންސް ވިދާޅުވީ އެއީ ވަރަށް "އަމިއްލަ އެދުން ބޮޑު" މީހެއް ކަމަށާއި އޭނާއަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އޭނާ ކަރަންޓީން ފެސިލިޓީން ނުކުމެގެން ގޮސް ސުޕަމާކެޓުގައި 20 މިނިޓް ހޭދަކުރި ކަމަށް ހިޕްކިންސް ވިދާޅުވި އެވެ. އޭނާ އެނބުރި ފެސިލިޓީ އަށް ދިޔައީ 70 މިނިޓް ފަހުންނެވެ.

ކަރަންޓީން ފެސިލިޓީޒްގެ ފެންސް ހުރަސްކޮށް އެ މީހާ ބޭރަށް ދިޔަ އިރު ސެކިއުރިޓީ ގާޑުން ވެސް އެ ސަރަހައްދުގައި އުޅުނެވެ. ނަމަވެސް ގާޑުންނަށް އޮޅުން އެރީ އެ ވަގުތު ފެންސް މަރާކާތު ކުރާ މީހުން ވެސް އެ ތަނުގައި އުޅުމުންނެވެ.

ކަރަންޓީނުގެ އަމުރާ ޚިލާފުވެފައިވާތީ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 4،000 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ މީހާ ޕޮޒިޓިވްވިކަން އެނގުމުން ސުޕަމާކެޓުގެ ސްޓާފުން ވަނީ އައިސޮލޭޓްކޮށްފަ އެވެ. ނަމަވެސް ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މާކެޓުގެ އެއްވެސް ސްޓާފަކާ އެ މީހާ ކްލޯޒް ކޮންޓެކްޓްވެފައެއް ނުވެ އެވެ.

ނިއު ޒީލެންޑުގެ ކަރަންޓީން ފެސިލިޓީއަކުން މީހަކު ފިލުމާ ގުޅިގެން މިހާރު ވަނީ ހުރިހާ ފެސިލިޓީތަކެއް ބެލެހެއްޓުމަށް ފުލުހުން ހަވާލުވާ ގޮތަށް ނިންމައިފަ އެވެ.