11 ޖުލައި 2020 - 13:12

ސިންގަޕޫރު (ޖުލައި 11) - ސިންގަޕޫރުގައި އިއްޔެ ބޭއްވި އިންތިޚާބު ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން ކާމިޔާބު ކުރި ނަމަވެސް އެ ޕާޓީގެ ތާއީދު ދަށްވެއްޖެ އެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ވެރިކަންކުރާ ޕީއޭޕީ އަށް މި ފަހަރުގެ އިންތިޚާބުގައި 93 ގޮނޑީގެ ތެރޭން ލިބުނީ 83 ގޮނޑި އެވެ. ވޯޓުގެ 61.2 ޕަސެންޓް މި ފަހަރު ކާމިޔާބުކުރި އިރު 2015 ވަނަ އަހަރުގެ އިންތިޚާބުގައި 70 ޕަސެންޓް ވޯޓު ކާމިޔާބު ކުރި އެވެ.
އިދިކޮޅު ވޯކާސް ޕާޓީން ވަނީ 10 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ އެ ޕާޓީގެ އެންމެ ރަނގަޅު ނަތީޖާ އެވެ.
ބައެއް ފަރާތްތަކުން ބުނީ ގޮތުގައި މި ފަހަރުގެ އިންތިޚާބަކީ ސިންގަޕޫރުން ކޮރޯނާވައިރަހުގެ ކަންކަމާ ގުޅޭ ގޮތުން އެޅި ފިޔަވަޅުތަކުގެ ރިފަރެންޑަމެކެވެ.
ކޮރޯނާވައިރަސް ފެތުރެނިކޮށް އިންތިޚާބު ބޭއްވި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުން އިއްޔެ އިންތިޚާބު ބޭއްވީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާ އެކު އެވެ. ވޯޓުލާން ދިޔަ މީހުން ތިބީ އަންގި ލައްވައި މާސްކް އަޅައިގެންނެވެ.
ޕީއޭޕީގެ ކާމިޔާބީއާ އެކު ބޮޑު ވަޒީރު ލީ ސިއެން ލޫންގަށް ވަނީ އިތުރު ޓާމެއް ލިބިވަޑައިގެންފަ އެވެ. ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫގެ ދަރިކަލުން ލީ ގެންދަވަނީ 2004 ވަނަ އަހަރުން ފެށިގެން ސިންގަޕުރުގައި ވެރިކަން ކުރައްވަމުންނެވެ. ނަމަވެސް ކުރިއަށް އޮތީ އޭނާގެ ފަހު ދައުރު ކަމަށް އަޑުތައް އަރައިފައިވެ އެވެ.