13 ޖުލައި 2020 - 09:51

ފުލުހުން ބުނީ، އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުންގެ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 40 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް.

އާންމުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިދޭސީން ހަމަލަދީފައި ވަނީ އެ މީހުން ހުއްޓުވުމަށް ނުކުތް މަދު ފުލުހުންތަކަކަށް. ފުލުހުންގެ ވެހިކަލްގައި ދިޔަ މީހުން ވެހިކަލުން ފައިބައިގެން ގޮސް ބިދޭސީންނާ ވާހަކަތަކެއް ދައްކައި އެ އެންމެން ފަހަތަށް ޖެއްސި މަންޒަރު ފެނޭ. ނަމަވެސް ފަހަތަށް ޖެހުމަށް ފަހު ދެން ފެނުނީ ބިދޭސީން ފުލުހުންނާ ދިމާ އަށް ގާ އުކަން ފެށިތަން. ދިހަ ވަރަކަށް ފުލުހުން އެ ތަނުގައި ތިބިއިރު، ބިދޭސީން ގާ އުކަން ފެށުމުން އެ އެންމެން ދުވެ ގޮސް ނިވާފަތްގަނޑަކަށް ހެދީ ފުލުހުންގެ ވެހިކަލް. ވެހިކަލްގެ ފަހަތަށް ފުލުހުން ވަދެ، ގަލުން ސަލާމަތް ވާން މަސައްކަތް ކުރި ނަމަވެސް ބިދޭސީން ދިޔައީ ހުއްޓުމެއް ނެތި ގާ އުކަމުން. އެ ވަގުތު ފުލުހުންނަށް އަނިޔާވެ، ބިދޭސީން ވެހިކަލަށް ގެއްލުން ދީފައިވޭ. ފުލުހުން ވެހިކަލަށް އަރައިގެން އެ ސަރަހައްދުން ނައްޓާލަންދެން ބިދޭސީން ދިޔައީ ހުއްޓުމެއް ނެތި ގާ އުކަމުން. ދިފާއުގައި ފުލުހުން އެއްވެސް ކަމެއް ކުރި ތަން ވީޑިއޯއަކުން ނުފެނޭ. ދިފާއު ވާނެ އެއްވެސް ހަތިޔާރެއް ވެސް ފުލުހުންގެ އަތަކުން ނުފެނޭ.

މި ހަމަނުޖެހުމާ ގުޅިގެން، އެޗްއާރުސީއެމާއި ރެޑް ކްރެސެންޓުން ވެސް މިހާރު އެ ސަރަހައްދުގައި އެބަ ހަރަކާތްތެރިވޭ.

ފުލުހުން މިހާރު ވަނީ ހަމަނުޖެހުން ހިންގި ބިދޭސީން ހައްޔަރުކުރަން ފަށާފައި. މިހާތަނަށް 22 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ.

ފުލުހުން: ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް މިހާރު ދަނީ، އެ ތަނުގައި ހަރަކާތްތެރިވަމުން.

ތަރުޖަމާނެއްގެ އެހީގައި ފުލުހުން ދިން ނަސޭހަތް ގަބޫލުކޮށް، ބިދޭސީން މިހާރު އެއްވެސް ހަމަނުޖެހުމެއް ނުހިންގައި ތިބީ ލޭބާ ކުއާޓާޒްގެ ކޮރިޑޯގެ ތެރޭގައި އިށީނދެގެން.

ބިދޭސީން ހިންގި ހަމަނުޖެހުމައި އާންމު މީހެއްގެ ގޭގެ ބިއްލޫރިގަނޑެއް ވެސް ވަނީ ތަޅާލާފައި. ދެން ހަމަލަދިނީ ފުލުހުންނާއި ފުލުހުންގެ ވެހިކަލަކަށް.

މުޒާހަރާ ކުރާ މީހުން ޑިމާންޑު ކުރަނީ މުސާރަ ދިނުމަށާއި އަނބުރާ ގައުމަށް ދިއުމަށް ޓިކެޓު ދިނުމަށް. ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތް ކުރި ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުން އެ މީހުން ގައުމަށް ނުފޮނުވިފައިވާ ކަމަށް އައިލެންޑް އެކްސްޕާޓުން ކުރިން ބުނެފައިވޭ. އެކަމަކު، ޗާޓަރު ފްލައިޓެއްގައި ނަމަވެސް އެ މީހުން ފޮނުވައިލަން މަސައްކަތް ކުރާ ކަމަށް ބުނެފައިވޭ.

ބިދޭސީން މުޒާހަރާ އަށް ނުކުތް ވަގުތު އެ މީހުން ކޮންޓްރޯލް ކުރަން ނުކުތް ފުލުހުންނާ ދިމާ އަށް އެއްޗެހި އުކައި، ހަމަލަދިން ނަމަވެސް ފުލުހުން ވަނީ ފަހުން އެ މީހުން ކޮންޓްރޯލްކޮށް، ލޭބަ ކުއާޓާޒްގެ ތެރެއަށް ވައްދާފައި. އެހެންވެ، އެ ތަނުގެ ތެރޭގައި ތިބެގެން އަޑުގަދަ ކުރުން ފިޔަވައި އިތުރު ހަމަނުޖެހުމެއް މިހާރު ނުހިނގާ ކަމަށް "މިހާރު" ގެ ނޫސްވެރިޔާ ނަސީމް ބުނޭ. ލޭބަ ކުއާޓާޒްގެ ތެރޭގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން.

ފުލުހުންގެ އެންގުމަށް ހުރިހާ ބިދޭސީން ވަނީ ލޭބަ ކުއާޓާޒްގެ ކޮމްޕައުންޑް ތެރެއަށް ނެރެފައި. އެ މީހުން މިހާރު އަޑުގަދަ ކުރަނީ އެ ތަނުގައި ތިބެގެން.
މިހާރު ހުރިހާ ބިދޭސީން ތިބީ ލޭބާ ކުއާޓާޒް ތެރެއަށް ވައްދާފައި. އެ މީހުންނާ އެސްއޯ ފުލުހުން ވާހަކަ ދައްކަމުން އަންނައިރު، ބިދޭސީން ވަަރަށް އަޑުގަދަކޮށް، ޒުވާބުކުރާ ކަމަށް ހުޅުމާލޭގައި ހުރި "މިހާރު" ގެ ނޫސްވެރިޔާ މުހައްމަދު ނަސީމް ބުނޭ. "ލޭބާ ކުއާޓާޒް ކައިރީގައި ވެސް އޮތީ ހުސް ގާ. މުޅި ހިސާބުން އިވެނީ ބިދޭސީންގެ އަޑު،" ނަސީމް ބުންޏެވެ.
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން ދެންމެ މުޒާހަރާ އަށް ނުކުމެ ހަމަނުޖެހުން ހިންގަން ފަށައިފި އެވެ.
މަންޒަރު ދުށް މީހަކު ބުނިގޮތުގައި، އެ މީހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހުންނާ ދިމާއަށް ވެސް ވަނީ ގަލާއި ލަޓިބުރި އުކައި ހަމަލަދީފަ އެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހެއްގެ ބޯ ވެސް ފަޅާލާފައިވާ ކަމަށް ވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހަމަނުޖެހުމުގައި ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދީފައިވާ ކަމަށެވެ.
މަސައްކަތް ފެށި ފަހުން ނުނިމި އަށް އަހަރު ވެފައިވާ ސިފައިން/ފުލުހުންގެ ފްލެޓުގެ މަސައްކަތު މީހުންނަށް ހަތް މަސް ދުވަހުގެ މުސާރަ ނުދީގެން މީގެ ކުރިން ވެސް މުޒާހަރާ ކޮށްފައި ވެ އެވެ. އެ ފަހަރު އެ މީހުން މައިތިރިވީ، މުސާރަ ދިނުމާ ގުޅޭ ކަންކަމުގައި މި މަހުގެ 10 ގައި ގޮތެއް ނިންމާނެ ކަމަށް އެއްބަސްވުމުންނެވެ. އެހެންވެ، އެ ތާރީޚު އައުމުގެ ކުރިން ކޮންމެވެސް ވަރަކަށް މުސާރައިގެ ބައެއް ދިނަސް އެއްކޮށް މުސާރައެއް ނުދެ އެވެ.
"އަނެއްހެން އެލަވަންސެއް ދިނީ. ފުލް މުސާރައެއް އެއްވެސް މީހަކަށް ނުދޭ،" މުސާރައިގެ މައްސަލައިގެ ހަގީގަތް އެނގޭ މީހަކު ބުންޏެވެ.
އައިލެންޑް އެކްސްޕާޓުގެ 200 އަށް ވުރެ ގިނަ މީހުންނަށް މުސާރަ ނުދީ ހުރި ކަމަށް ވެ އެވެ.
އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވެފައި ވަނީ މުވައްޒަފުންނަށް މުސާރަ ނުދެވިގެން އުފެދުނު ނުތަނަވަސްކަމުގެ މައްސަލަ ހައްލު ވެފައިވާ ކަަމަށެވެ. އެގޮތުން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، އޭނާގެ ވާހަކަތައް ބައެއް މުވައްޒަފުން ދޮގުކުރެ އެވެ. ސަބަބަކީ ފުލް މުސާރަ ނުދޭތީ އެވެ.
މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި އައިލެންޑް އެކްސްޕާޓުން ނިންމާފައި ވަނީ ސައިޓުގައި ހުރި އެ ކުންފުނީގެ މުދާތައް ވިއްކައިލުމަށެވެ.